ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރުކަމާއި ބޮޑުވަޒީރު ކަމަށް, ކެނެޑާ އަދި ޔޫކޭގެ ކުރީގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މާކް ކާނީ ހޮވިއްޖެ އެވެ.
ޖަސްޓިން ޓްރޫޑޯގެ ފަހަތުން މި މަޤާމަށް ކާނީ ހޮވުނީ ވަރަށް ބޮޑު ތަފާތަކުން ވާދަވެރި ކެންޑިޑޭޓުން ބަލިކޮށްފަ އެވެ. އުމުރުން 59 އަހަރުގެ ކާނީ، އިންތިޚާބުގައި 85.9 އިންސައްތަ ވޯޓު ހޯއްދެވި އެވެ.
އެންމެ ގާތުން ވާދަކުރީ ކުރީގެ މާލީ ވަޒީރު ކްރިސްޓިއާ ފްރީލޭންޑް އެވެ. އޮޓާވާގައި 1،600 އެއްހާ ޕާޓީގެ މެންބަރުން ބައިވެރިވި ޖަލްސާގައި ނަތީޖާ އިއުލާނު ކުރުމާއެކު ގަދަ އަޑުން އުފާ ފާޅު ކޮށްފައިވެ އެވެ.
އޭނާގެ ކާމިޔާބީގެ ތަގުރީރުގައި، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައަށް ފާޑު ވިދާޅުވެ ވިދާޅުވީ، އިތުބާރު ގެއްލިފައިވާ ޤައުމަކުން މިއަދު ދިމާވެފައިވާ އަނދިރި ދުވަސްތައް ކުރިމަތި ކުރުވީ ކަމަށެވެ.
ކާނީ ވެރިކަމާ ހަވާލުވަނީ ކެނެޑާ އަށް ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ. ޖަނަވަރީ މަހު ޓްރޫޑޯ އިސްތިއުފާ ދެއްވުމަށްފަހު، ފެށުނު ލީޑަރޝިޕް ވާދައިގައި ކާމިޔާބު ހޯދި ކާނީ އަކީ އިންތިޚާބީ މަޤާމެއް ކުރިން ފުރުއްވާފައިނުވާ ބޭފުޅެކެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކާނީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި ކާނީ އަށް ޖެހި ވަޑައިގަންނަވާނީ މަޖިލީހު ގައި މެޖޯރިޓީ ނެތް ސަރުކާރެއް ހިންގާށެވެ.
އަވަސް އިންތިޚާބަކަށް ދިއުމުގެ ނުވަތަ އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.