ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 13 ފެބްރުއަރީ 2025 ގައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މި މައްސަލަ ވަނީ މެންބަރު ސިނާންގެ މައްޗަށް ސާބިތުވެފައެވެ. މި މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.
އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސ.ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާން އިތުރު ބަޔަކާ ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް އިން ނަގާފައިވާ ތިން މިލިއަން އަށްލައްކަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ބައްތިރީސް ލާރިގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީއަށް، އެ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުގެންދާތީ މޯލްޑިވްސް އިސްލާމިކް ބޭންކް އިން 21 ޖުލައި 2024 ގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި، އެފައިސާގެ ތެރެއިން އިސްލާމިކް ބޭންކަށް އެހާތަނަށް ދައްކަންޖެހޭ ކަމަށް ސާބިތުވާ ދެމިލިއަން ފަސްލައްކަ ވިހިހާސް ދުއިސައްތަ ބާވީސް ރުފިޔާ ނުވަދިހަ އަށްލާރި 14 އޮކްޓޫބަރު 2024 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަމުން ގޮސް މިފައިސާ ދައްކައި ނިންމުމަށް އަންގައި ކުރި ހުކުމާ އެއްގޮތަށް އެ ބޭންކަށް ފައިސާ ދައްކަމުން ގެންގޮސްފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަބްބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފަހުން މެންބަރު ސިނާން ވަނީ އެފައިސާ ދައްކާފައެވެ.
ގާނޫނު އަސާސީގައި، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުން ހިމަނައިފައިވެއެވެ. އެހެންކަމުން، ސުޕްރިމް ކޯޓަށް ހުށަހަޅައިފައި ވަނީ، މި މައްސަލައިގައި މެންބަރު ސިނާންގެ ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށެވެ.