ކ. މާލެ
|
10 މާރޗް 2025 | ހޯމަ 01:53
ކުރީގެ ވަޒީރު އައިމިނަތު ޝައުނާ
ކުރީގެ ވަޒީރު އައިމިނަތު ޝައުނާ
ރާއްޖެއެމްވީ
ދައުލަތް ހިންގުން
ކަންކަން ބޮއްސުންލައިފި، ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަމެއް ވެސް ނޭންގޭ: ޝައުނާ
ޒަމާންތަކެއް ވަންދެން މަސައްކަތްކޮށްގެން ބިނާކުރި ބޭންކް ވެސް ފުނޑާލައިފި

ޤައުމުގެ ހުރިހާ ކަމެއް ބޮއްސުންލައިފި ކަމަށާ މިހާރު އޮތް ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން މިހާރު އެކަކަށް ވެސް ސާފުނުވާ ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ޝައުނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝައުނާ ވިދާޅުވީ އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްގެން ދައުލަތް ހިންގުމަށް އުފެއްދި ނިޒާމްއެއްކޮށް މިސަރުކާރުން ފުނޑާލައިފި ކަމަށެވެ. ދައުލަތުގެ މާލީ ނިޒާމް ބޮއްސުންލައި ރައްޔިތަކަށް މިއަދު ލިބޭ އުފާވެރިކަމެއް ނެތް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޕަބްލިކް ހެލްތު ޝެކްޓަރާގުޅޭ ކަންކަން އިންތިހާއަށް ގޯސްކަމަށާ، ލޯކަލް ކައުންސިލްތަކަށް ދޭން ބުނި ބާރުތައް ވެސް މިސަރުކާރުން ދީފައި ނެތް ކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާޓާމިނަލްގެ މަސައްކަތް ނިންމަން އެތައް ތާރީހެއް މިސަރުކާރުން ދިން ނަމަވެސް އެއިން އެއްވެސް ތާރީހަކަށް އެމަސައްކަތް ނުނިންމުނު ކަމަށާ އަދި މިހާރުދީގެންއުޅޭ ތާރީހަށް ވެސް އެތަނުގައި ކުރަންހުރި ކަންކަން ނިންމިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިން ފިއްތާލި ފިއްތާލީނުން ގޮސް މިއަދު ފެންނަނީ ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަމުންދިޔަ ދާއިރާގެ ވިޔަފާރި ހިންގަންތިބި މީހުންނާ ވެސް ސަރުކާރުން ޖައްސާލައިގެންއުޅޭ މަންޒަރުކަމަށް ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސެންޓަރަލް ބޭންކަށް ސިޔާސީ ނުފޫޒު ވައްދައި ސަރުކާރުން ބޭނުންހައި ކަމެއް ކުރާ މަންޒަރުފެންނަ ކަމަށާ، އަދި ދިވެހިން އެތައް ޒަމާނަކުން މަސައްކަތްކޮށްގެން ބިނާކުރި ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވައިގެން އެތައް ވެސް މިއަދު ފުނޑާލައިފިކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިވަންކަމާއެކު ހިންގަންޖެހޭ އޭސީސީ އާ އިލެކްޝަން ކޮމިޝަން ފަދަ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރައިފި ކަމަށާ 2028 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށް ވެސް އުންމީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް