އިންޑިއާގެ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާގެ ކޯސްޓްގާޑުން އަތުލައިގެންފިއެވެ.
އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ ކޯސްޓް ގާޑާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ދިވެހިރާއްޖެއަށް ދަތުރުކުރަމުންދިޔަ އުޅަނދަކުން 58 މިލިއަން ރުފިޔާގެ ހަޝީޝް އޮއިލް ހިފަހައްޓާފައިވާ ކަމަށެވެ.
މާރިޗު 5 ވަނަ ދުވަހު، ޓުޓިކޯރިންއިން މާލެއަށް ދަތުރުކުރަމުންދިޔަ އުޅަނދެއްގައި މަސްތުވާތަކެތި އުފުލަމުންދާ ކަމުގެ މައުލޫމާތު ޑީއާރްއައި އިން ހިއްސާކުރުމާ ގުޅިގެން، އިންޑިއާ ކޯސްޓްގާޑުގެ ދެ އުޅަނދު އެ ސަރަހައްދަށް ފޮނުވައި، ގަލްފް އޮފް މަނާރުގެ ދެކުނުން އެ އުޅަނދު ހުއްޓުވައިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
40 ގަޑިއިރު ވަންދެން ކަނޑުމަތީގައި އެ އުޅަނދު ބެލެހެއްޓުމަށްފަހު، މާރިޗު 7 ވަނަ ދުވަހުގެ 11:30 ގައި، 9 ފަޅުވެރިންނާއެކު މި އުޅަނދު ޓުޓިކޮރިން ބަނދަރަށް ވަނީ ގެންގޮސްފައެވެ. އަދި މަސްތުވާތަކެއްޗާއެކު 9 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަންއާ ގުޅިގެން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދުން ފެނިފައިވަނީ 30 ކިލޯގެ ހަޝިޝް އޮއިލް ކަމަށާއި އެތަކެތީގެ އަގަކީ އިންޑިއާގެ 30.95 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) ކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތައް އިތުރަށް ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.