ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ބުދަ ދުވަހު ރަޝިޔާ އާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ، "ބައެއް މީހުން ތިބީ ނެޕޯލިއަން އަށް ވީގޮތް ހަނދާންނެތިފައި؛" ކަމަށް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު، ފްރާންސްގެ ރައީސް މެކްރޯން ވަނީ ރަޝިޔާ އަކީ ޔޫރަޕަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެހެން ޔޫރަޕުގެ ގައުމުތަކަށް ފްރާންސްގެ ނިއުކްލިއަރ ޙިމާޔަތް ދިނުމުގެ ވާހަކަފުޅު ދައްކަވާފައެވެ.
ބުރާސްފަތި ދުވަހު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި، މެކްރޯންގެ ނަންފުޅު ނުގެންނަވާ، ޕުޓިން ވިދާޅުވީ "އަދިވެސް އެބަތިބި ނެޕޯލިއަންގެ ޒަމާނަށް އެނބުރި ދާން ބޭނުންވާ މީހުން، އެކަން ނިމުނުގޮތް ހަނދާނެއް ނެތް" ކަމަށެވެ.
1812 ވަނަ އަހަރު، ފްރާންސްގެ އެމްޕެރާރ ނެޕޯލިއަން ބޮނަޕާޓް ވަނީ އޭނާގެ ސިފައިން ރަޝިޔާ އަށް ފޮނުވާ، މޮސްކޯ އަށް އަރާފައެވެ. ނަމަވެސް ރަޝިޔާގެ ފިނި މޫސުމުގެ ގަދަ ފިނީގެ ސަބަބުން އިސާހިތަކު ފަރަންސޭސި ލަޝްކަރު ފަހަތައް ޖެހެން މަޖުބޫރު ވިއެވެ. އެ ހާދިސާ ގައި ނެޕޯލިއަންގެ ލަޝްކަރުގައި ހިމެނުނު ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.