ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 13:41
އެމެރިކާ އަށް މުސްލިމުން ދަތުރުކުރުން މަނާކުރުމުގެ އަމުރު ނެރުމުން އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާ އެއްގެ ތެރެއިން - 26 ޖޫން 2018
އެމެރިކާ އަށް މުސްލިމުން ދަތުރުކުރުން މަނާކުރުމުގެ އަމުރު ނެރުމުން އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާ އެއްގެ ތެރެއިން - 26 ޖޫން 2018
ގެޓީއިމޭޖަސް
އެމެރިކާ ވިސާ
އަފްޣާނިސްތާނާއި ޕާކިސްތާނު ރައްޔިތުންނަށް އެމެރިކާ އަށް ނޭރޭ ގޮތް ހަދަނީ
މި އަމުރު ވެގެން ދާނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މުސްލިމް އަޣުލަބިއްޔަތު އޮތް ހަތް ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާކުރި އަމުރާ އެއްގޮތް އަމުރަކަށް.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަންނަ ހަފްތާގައި އަފްޣާނިސްތާނާއި ޕާކިސްތާނު ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމުގެ އަމުރެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓެއް ބުނެފިއެވެ.

މި މައުލޫމާތު ހާމަކުރި މަސްދަރުތަކުން ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އަލް އަރަބިއްޔާ ނިއުސް އަށް ބުނެފައިވަނީ، މި އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރާ އަމުރަކީ ސަލާމަތީ ގޮތުން ރިސްކް ބޮޑު ގައުމުތަކުގެ ލިސްޓެއް އެމެރިކާ ސަރުކާރުން ތައްޔާރުކުރުމަށްފަހު ނެރޭ އަމުރެއް ކަމަށެވެ. އިތުރު ގައުމުތަކެއްވެސް މި ލިސްޓުގައި ހިމެނިދާނެ ކަމަށް އެ މަސްދަރުތަކުން ބުނެފައިވެއެވެ.

މި އަމުރު ވެގެން ދާނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މުސްލިމް އަޣުލަބިއްޔަތު އޮތް ހަތް ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާކުރި އަމުރާ އެއްގޮތް އަމުރަކަށެވެ. ޓްރަމްޕް ގެ އެ އަމުރު ކޯޓުގައި ވަނީ ޗެލެންޖް ކޮށްފައެވެ. އެންމެ ފަހުން އެ އަމުރު 2018 ގައި ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފައެވެ. ނަމަވެސް ޓްރަމްޕްގެ ފަހުން ވެރިކަމަށް ވަޑައިގަތް ޑިމޮކްރެޓިކް ރައީސް ޖޯ ބައިޑެން ވަނީ 2021 ގައި އެ އަމުރު ބާތިލްކޮށްފައެވެ.

މި އައު އަމުރުގެ ސަބަބުން އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނަށް އަސަރުކުރާނެއެވެ. މީގެ ތެރޭގައި އެމެރިކާގެ ހާއްސަ ވީސާއެއްގެ ދަށުން އެ ގައުމަށް ހިޖުރަކުރުމަށް ހުއްދަ ލިބިފައިވާ މީހުންވެސް ހިމެނެއެވެ. މިއީ އަފްޣާނިސްތާނުގައި 20 އަހަރު ދިގު ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިވެދިން ފަރާތްތަކެވެ.

ޓްރަމްޕް ވަނީ ޖެނުއަރީ 20 ގައި އެގްޒެކެޓިވް އޯޑަރެއް ނެރެ، އެމެރިކާއަށް ވަންނަން އެދޭ ބިދޭސީންގެ ސެކިއުރިޓީ ވެޓިންގ ވަރަށް ވަރުގަދަ ކުރުމަށް އަންގަވާފައެވެ. މި އަމުރުގެ ދަށުން މާރޗް 12 ގެ ކުރިން ދަތުރުކުރުން މަނާކުރަންޖެހޭ ގައުމުތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް ވަނީ މިނިސްޓްރީ ތަކަށް އަންގާފައެވެ.

- ކޮމެންޓް