ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 13:20
ގަވައިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރިތަނެއް
ގަވައިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރިތަނެއް
ޕޮލިސް
ވޭޕްގެ ވިޔަފާރި
މާލޭގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕްގެ އާލަތްތައް އަތުލައިގަނެފި
މި މައްސަލައާ ގުޅިގެން ބަނގްލަދޭޝް ރައްޔިތެއް ހައްޔަރުކޮށްފައިވޭ
ގަލޮޅުގައި ހުންނަ ފިހާރައެއް ވެސް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފައިވޭ
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕްގެ އާލަތްތައް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ މާލޭގައި ގަވައިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ، 27 އަހަރުގެ އެމްޑީ އަބޫ ސުފްޔާން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހައްޔަރުކުރި އެމްޑީ އަބޫ ސުފްޔާން

މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ސިއްހީ ވުޒާރާއާއި އިގްތިސާދީ ތަަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ވޭފްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އާލަތްތައް އަތުލައިގަނެފައިވާއިރު، ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި އޭގެ ވިޔަފާރި ކުރުން 2024 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މަނާކޮށްފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 15/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ.

ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި، ވޭޕް ބޭނުންކޮށްފިނަމަ 5000 ރ. އިން ޖޫރިމަނާ ކުރާއިރު، ވޭޕް ވިއްކާ ކޮންމެ މީހަކު 20،000 ރ. ޖޫރިމަނާ ކުރާނެއެވެ. އަދި ވޭޕް ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރ. ޖޫރިމަނާ ކުރާއިރު، ހިލޭ ވެސް ވޭޕެއް ދީފިނަމަ ވެސް 10،000 ރ. ޖޫރިމަނާ ކުރާގޮތަށް ވޭޕްގެ ގާނޫނުގައި ވެއެވެ.

- ކޮމެންޓް