އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ނިޔަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނެތް ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ހަފްތާއެއްހާ ދުވަސްކުރިން ސިޓީން ކަރަންޓް ކަނޑާނުލާ އޮތް ކަމަށެވެ. ނަމަވެސް އޭގެ ކުރިން ދެތިން މަސް، ދޭތެރެ ދޭތެރެއިން ދިޔައީ ކަރަންޓު ކަނޑަމުން ކަމަށެވެ. ނިޒާރު ވިދާޅުވީ ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ހަމައަކަށް އަޅުވާނެކަމަށް ގަބޫލުކުރެވުނު ކަމަށާއި، ނަމަވެސް އަންގާރަ ދުވަހުގެ މެންދުރުން ފެށިގެން ގަޑިއިރަކުން ގަޑިއިރަކުން ކަރަންޓު ކަނޑާނެކަމުގެ ނޯޓިސް ލިބި އެކަން އެގޮތަށް ކުރަމުން އަންނަ ކަމަށެވެ.
ނިޒާރު ވިދާޅުވީ ސްޓެލްކޯއިން ޖަނަރޭޓަރެއް ގެނެސް އެ އޮޕަރޭޓްކުރަން ބެލި އިރު އައްޑޫގައި ހުރި އިތުރު 2 ޖަނަރޭޓަރު ހުރީ ހަލާކުވެފައި ކަމަށެވެ. އަދި އޮޕަރޭޝަނުގައި 18 ވަރަކަށް ޖަނަރޭޓަރު އިންނަ އިރު ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސްވެސް ނުލިބޭ ކަމަށެވެ.
ސްޕެއަރ ނުލިބޭއިރު، ލިބޭ އެއްޗެއް ބޭނުންކޮށްގެން އޯވަރހޯލްކޮށް އެ މަސައްކަތް އެކުރަނީ. މުޅި ސިސްޓަމް މިއޮތީ ފެއިލްވެފައި. މިތާ ތެރޭގައި ވާނުވާ ނޭނގޭ ހިސާބުގައި މިއޮތީ. މައްސަލައަކީ މިކަން ހައްލުކުރަން ނިޔަތެއް ނެތް ސަރުކާރުގެ. އެއީ ރަނގަޅު ސާފު ނިޔަތެއް އޮތްނަމަ މިކަން ހައްލުވެފައި އޮންނާނީ. އަޅުގަނޑު ގަބޫލުކުރަނީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއަކީ އައްޑޫ ސިޓީ. މިތާގައި މިކަން ރަނގަޅުކުރުމަށްވުރެ ސަމާލުކަންދޭންޖެހޭ އިތުރު އެއްވެސްކަމެއް އޮވެގެން ނުވާނެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު![]()
ނިޒާރު ވިދާޅުވީ މިދިޔަ ސަރުކާރުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އައްޑޫގައި އިމާރާތްކުރަން ފަށާފައިވާ ސެންޓްރަލް ޕަވަރސްޓޭޝަނަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
އެތާގެ އެއްވެސް މަސައްކަތެއް ނުކޮށް މި ސަރުކާރު އައި ގޮތަށް މަސައްކަތް ހުއްޓާލި ގޮތަށް އެތަން އެހުރީ. އިތުރު ޖަނަރޭޓަރުތަކެއް ގެނައީކީވެސް ނޫން. އަނެއްކާ ޖަނަރޭޓަރު ގެނެއަސް ނުވާނެ ރަނގަޅެއް. ދޭތެރެއަކުން ޖަނަރޭޓަރެއް ގެނެއަސް ނުވާނެ ރަނގަޅެއް. ކަންކަން ހުއްޓުވި ސަބަބެއް ނޭނގޭ. އެކަމަކު އެ އޮތީ ހުއްޓުވާފައި.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު![]()
ނިޒާރު ވިދާޅުވީ ފެނާއި ނަރުދަމާގެ މައްސަލަވެސް އެހާ ބޮޑު ކަމަށާއި، ފެނަކައިން އިރުއިރުކޮޅާ ކޮންމެވެސް ހޮޅިއެއް ފަޅައިގެން ގޮސްގެން އަލަށް ތާރުއެޅި މަގުތައް ކަނޑަމުންދާ ކަމަށެވެ. އެގޮތުން ބޮޑު މަގުގެ 12 ތަނަކުން މިހާރުވެސް ކަނޑާފައިވާ ކަމަށާއި، އެކަމަށްވެސް ހައްލެއް ނެތް ކަމަށެވެ.
ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ އަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން ނުވާނެ ކަމަށް ކުރިންވެސް ބުނަމުންދިޔަ ކަމަށާއި ސަބަބަކީ އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީއެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުލިބި ދާދިއުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި ކަމަކަށްވާއިރު، ރޯދަ މަހު މިކަމަށް ހައްލެއް ލިބޭނެ ކަމަށް ޔަޤީންކަން ދިނުމަށްފަހުވެސް އަނެއްކާ އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ޙިދުމަތްވަނީ މެދުކެނޑިފައެވެ. ނިޒާރު ވިދާޅުވީ ހަފްތާއެއް ވަންދެން ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ލިބުނު ނަމަވެސް ރޯދަ މަސް އައުމާއި އެކު ފެނައަކަށް މިޚިދުމަތް ނުދެވުނު ކަމަށެވެ.