ކ. މާލެ
|
3 މާރޗް 2025 | ހޯމަ 19:08
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު - 02-03-2025 ގައި ބޭއްވި އިޙްޔާ ފޯރަމްގެ ތެރެއިން.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު - 02-03-2025 ގައި ބޭއްވި އިޙްޔާ ފޯރަމްގެ ތެރެއިން.
އިސްލާމިކް މިނިސްޓްރީ
އިޙްޔާ ފޯރަމް
ހެޔޮގޮތުގައި މުދަލުން ހޭދަކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ގޮވާލައްވައިފި
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދާނެ
ވަޒީރު ވިދާޅުވީ ޒަކާތް ދިނުމަކީ މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން

މުދަލަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށާއި މުދަލުން ހެޔޮ ގޮތުގައި ހޭދަކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާ ވަޒީރު ވަނީ ގިނަ މަޢުލޫމާތުތަކެއް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވާ އާއްމުންނާއި ހަމައަށް ގެނެސްދެއްވާފައެވެ.

ވަޒީރުގެ ތަޤުރީރުގައި ވަނީ މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ބޭރު ޤައުމުތަކުން ރާއްޖެ އައިސްތިބި ބިދޭސީންނަށް އިޙްސާންތެރިވުމަށާއި ހެޔޮ ފޯރުވުމަށް އަލި އަޅުއްވާލާ ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ވިދާޅުވީ މިކަންކަމަކީ މާތް ﷲ ވަރަށް ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަމަށެވެ.

ވަޒީރުގެ ތަޤުރީރުގައި ވަނީ ފިޠުރު ޒަކާތާއި މުދަލު ޒަކާތާއި ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުމުގެ މުހިއްމުކަމާއި ޒަކާތާއި ގުޅޭ މުހިއްމު ޙުކުމްތަކާއި ގުޅޭ މަޢުލޫމާތާއި އެކަމުގެ ޢަޖުރާއި ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން." ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ރިޝްވަތަކީ ޙަރާން ކުރައްވާފައިވާކަމެއްކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތް ﷲ ލަޢުނަތްލައްވާފައިވާ މީހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙަރާން މުދާ ކެއުމުގެ ސަބަބުން މާތް ﷲ އެމީހަކު ދަންނަވާ ދުޢާ އިޖާބަ ނުކުރައްވާނެކަންވެސް ވަޒީރުގެ ތަޤުރީރުގައި ހަނދާންކޮށްދެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ 6 އިޙްޔާ ފޯރަމްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް