ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 11:41
1444 ވަނަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގެ ތެރެއިން
1444 ވަނަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިޙްޔާ ފޯރަމް
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ ހަތް ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ: އިސްލާމިކް މިނިސްޓްރީ
މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭ
ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދާނެ
އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޚާއްސަ އެކި އިނާމުތަކެއް ދޭނެ

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ އިޙްޔާ ފޯރަމް އޮންނާނެ ކަމަށާއި، މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށެވެ.

މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމަށެވެ.

މީގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން، ފަޟީލަތުއްޝައިޚް އަހްމަދު ސަމީރު އިބްރާހީމް ހުސައިން، އައްޝައިޚް މުހައްމަދު ގުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފު، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމުގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމްއެވެ.

މިނިސްޓްރީން ބުނީ މި އަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ހަތް ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް އޮންނާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޚާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް