ކ. މާލެ
|
2 މާރޗް 2025 | އާދީއްތަ 17:43
ނިމުނު އަހަރުގެ ރަމަޟާންމަހުގައި ބޭއްވުނު އިޙްޔާ ރޯރަމެއްގެ ތެރެއިން
ނިމުނު އަހަރުގެ ރަމަޟާންމަހުގައި ބޭއްވުނު އިޙްޔާ ރޯރަމެއްގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ރަމަޟާން އިޙްޔާ ފޯރަމް
1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ރޯރަމް ބާއްވާނީ އާދިއްތަ ދުވަހުގެ ރޭ
ޚާއްޞަކޮށް ސްކޫލް ކުދިންނަށްވެސް މި ރަމަޟާންމަހު އިޙްޔާ ފޯރަމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އާދިއްތަ ދުވަހުގެ ރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މިއެވެ.

އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އާދިއްތަ ދުވަހުގެ ރޭ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ތަޤުރީރަށް ފަހު ދެން ބާއްވާ 7 ފޯރަމްގައި ތަޤުރީރުކުރައްވާނެ ބޭފުޅުންގެ ނަންތައް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ކުރިއަށް އޮތް ފޯރަމްތަކުގައި ތަޤުރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ކަމަށެވެ.

މި ފޯރަމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު ކަމަށް އިސްލާމިކް މިނިސްޓްރީ ން ބުނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ފަހަރު 6 ސްކޫލަކުން މި ފޯރަމްތަކުގައި ބައިވެރިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސްކޫލުތަކުގެ ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޕްރޮޕޯސަލުން ހޮވުނު މާލެއިން ބޭރުން 7 ރަށެއްގައިވެސް އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެ 7 ރަށަކީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫއެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑުއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް އިޙްޔާ ފޯރަމްތައް އަޑު އެހުމަށް އަންނަ މީހުންގެ މެދުގައި ނަގައި ގުރުއަތަކުން ހޮވޭ މީހުންނަށް އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް