މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤް އިބްރާހީމް އައިޓީބީ ބަރލިން 2025ގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވައިފިއެވެ.
އައިޓީބީ ބަރލިން ކޮންވެންޝަން އޮންނާނީ އައިޓީބީ ބަރލިންގެ ބައެއްގެ ގޮތުގައި 4 އިން 6 މާރޗް 2025 އަށް ބަރލިން އެގްޒިބިޝަން ގްރައުންޑްސްގައެވެ. މިނިސްޓަރ ތާރިޤް، އައިޓީބީގައި ހުންނަވާއިރު، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރައްވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެއެވެ.
މިއެގްޒިބިޝަންގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓްކޮށް، ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށެވެ.
އައިޓީބީ (އިންޓަނޭޝަނަލް ޓޫރިޒަމް ބަރލިން) އަކީ ޔޫރަޕްގެ ސަރަޙައްދުގައި، ބާއްވާ ދުނިޔޭގެ އެންމެ ކުރީ ސަފުގެ ދަތުރުފަތުރުގެ ވިޔަފާރީގެ ޝޯއެވެ.
އައިޓީބީ ބަރލިން އިވެންޓަކީ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތާއި، އެކި އުފެންދުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްތަނަކަށް އެއްވެ، ފަތުރުވެރިކަމުގެ ޕްރޮފެޝަނަލުންނާއި އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ވިޔަފާރީގެ އެކި ކަންކަމުގައި ގުޅުންބަދަލިވެގެންދާ ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ.
މި އިވެންޓުގެ މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ކުންފުނިތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ހޮޓާތަކާއި ރިސޯޓުތަކާއި، ކްރޫޒްތަކާއި، ފަތުރުވެރިންގެ މަންޒިލުތަކާއި، އަދި ދަތުރުފަތުރުގެ ޓެކްނޮލޮޖީގެ ޚިދުމަތްތައް ހިމެނޭ ގޮތަށް، ޞިނާޢަތްތަކާއި ޚިދުމަތްތަކުގެ މުހިންމު ބައިވެރިން އެއްތަނަކަށް ގެނައުމެވެ.
2024 ވަނަ އަހަރު، މި ކޮންވެންޝަނަށް 24,000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު މައުރަޒު އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވީ މީގެ 37 އަހަރުކުރިން 1986ގައެވެ.