މިދިޔަ އަހަރު ކުށުގެ އެކި މައްސަލަތަކާއި ގުޅިގެން 1600ށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އިން ބުނެފިއެވެ.
ޕީޖީން އާއްމުކޮށްފައިވާ އަހަރީ ރިޕޯޓު 2024 ގައި ބުނީ މިދިޔަ އަހަރުގެ ނިޔަލަށް މައި އޮފީހުން ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެއަހަރުގެ މައްސަލަތަކުގެ ކުށުގެ ބާވަތަަށް ބަލާއިރު، ޖުމްލަ 133 ބާވަތެއްގެ މައްސަލާގައި 1680 މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.
މި ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު، 269 މީހުންގެ މައްޗަށް ހުށަހަޅާފައިވާ ކުށުގެ ބާވަތަކީ ކެނެބިސް ބޭނުންކުރުމުގެ ދައުވާ ކަމަށާއި، ދެވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލައެވެ. އެއީ 220 މީހުންގެ މައްޗަށް ކަމަށް ޕީޖީން ބުނެއެވެ. މީގެ އިތުރުން 178 މީހުންގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުގެ ހިންގުމުގެ ކުށުގެ މައްސަލައެވެ.
ޕީޖީން ބުނީ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، ދައުވާލިބޭ ފަރާތުގެ ގޮތުގައި ޖުމްލަ 108 އަންހެނުން ހިމެނޭ ކަމަށެވެ. އަދި ފިރިހެނުންގެ އަދަދަކީ 1572 އެވެ. މިމައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތަކުގެ އުމުރުފުރާއަށް ބަލާއިރު، 18 އަހަރުން ދަށުގެ 2 ކުދިން ހިމެނޭއިރު، 1678 މީހުންނަކީ 18 އަހަރުން މަތީ ފަރާތްތަކެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ހެޑް އޮފީހުގެ ފަރާތުން ކޯޓުތަކަށް ޖުމްލަ 1851 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ޕީޖީން ބުނީ މީގެތެރެއިން 1464 މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހަޅާފައިވަނީ ސުޕީރިއަރ ކޯޓުތަކަށް ކަމަށާއި، 387 މީހުންގެ މައްޗަށް ދައުވާ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. ސުޕީރިއާ ކޯޓުތަކަށް ހުށަހެޅުނު 1464 މީހުންގެ ދައުވާގެ ތެރެއިން، 957 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ޑްރަގް ކޯޓަށް 446 މީހުންގެ މައްސަލަ އަދި ޖުވެނައިލް ކޯޓަށް 61 ކުދިންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޕީޖީން ބުނެއެވެ.
ޕީޖީން ބުނީ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ލިބެނީ 113 އަންހެނަކާއި، 1738 ފިރިހެނަކަށް ކަމަށެވެ. ދައުވާ ލިބޭ މީހުންގެ އުމުރުފުރާއަށް ބަލާއިރު، 18 އަހަރުން ދަށުގެ 2 ކުދިންނާއި، 18 އަހަރުން މަތީގެ 1849 މީހުން ހިމެނެއެވެ. އަދި މިއަހަރުގެ ތެރޭގައި ހެޑް އޮފީހުން ޖުމްލަ 62 ކޯޓަށް 1851 މީހުންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޕީޖީން ބުނެއެވެ.
މީގެ އިތުރުން ޕީޖީން ބުނީ 2024 ވަނަ އަހަރުގެ ނިޔަލަށް މި އޮފީހުގެ ހެޑް އޮފީހުން ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެނިހެން އަހަރުތަކުގެ މައްސަލަތަކުގެ ކުށުގެ ބާވަތަށް ބަލާއިރު، ޖުމްލަ 45 ބާވަތެއްގެ ކުށުގެ މައްސަލާގައި 171 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. ދައުވާ ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ 45 މީހުންގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ބާވަތުން 35 މީހުންގެ މައްޗަށް ކަމަށް ޕީޖީން ބުނެއެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ 08 މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުން/ ޑައިމޯފިނިނުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެހެނިހެން އަހަރުތަކުގެ މައްސަލަތަކުގެ ބާވަތަަށް ބަލާއިރު، ދައުވާ ލިބޭ ފަރާތުގެ ގޮތުގައި ޖުމްލަ ހިމެނެނީ 05 އަންހެނުންނާއި، 166 ފިރިހެނުންނެވެ. އަދި މި މައްސަލަތަކުގައި ހިމެނޭ ދައުވާ ލިބޭ ފަރާތްތަކުގެ އުމުރުފުރާއަށް ބަލާއިރު، ހުރިހާ މީހުންނަކީ 18 އަހަރުން މަތީ ފަރާތްތައް ކަމަށް ޕީޖީން ބުނެއެވެ.