ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 19:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވާންސް ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީއާ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބައްދަލުކުރައްވާނީ - ފެބްރުއަރީ 28، 2025
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވާންސް ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީއާ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބައްދަލުކުރައްވާނީ - ފެބްރުއަރީ 28، 2025
ގެޓީއިމޭޖަސް
ޔުކްރެއިން ހަނގުރާމަ
ޒެލެންސްކީ-ޓްރަމްޕް ބައްދަލުވުން - ޔުކްރެއިން ރައްޔިތުން ޓްރަމްޕަށް ފާޑު ކިޔައިފި
ޓްރަމްޕް އާ ޒެލެންސްކީގެ ބައްދަލު ވުމަށްފަހު ޔުކްރެއިން ގެ ރައްޔިތުންގެ ޚިިޔާލު ހޯދުމަށް ދުނިޔޭގެ މަޝްހޫރު މީޑިއާ ތަކުން ކުރި މަސައްކަތަކުން ހާމަވި ގޮތުގައި، ޔުކްރެއިންގެ ރައްޔިތުން ދެކޭ ގޮތުގައި އެމެރިކާ އިން ޔުކްރެއިންގެ ރައްޔިތުންނަށް އިހްތިރާމެއް ނުކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ބޭއްވުނު ހޫނު ބައްދަލުވުމަށްފަހު، ޔުކްރެއިންގެ ގިނަ ރައްޔިތުން ވަނީ އެމީހުންގެ ރައީސް އެ ބައްދަލުވުމުގައި އަމަލު ކުރެއްވި ގޮތަށް ތާއީދުކޮށްފައެވެ.

ސީއެންއެންއަށް ވާހަކަ ދެއްކި 52 އަހަރުގެ ޕެންޝަނަރެއް ކަމަށްވާ ނަތާލިޔާ ބުނީ ޒެލެންސްކީ އެ ބައްދަލުވުމުގައި "އެމީހުންގެ ޤައުމުގެ އިއްޒަތާއި ކަރާމާތް ހިމާޔަތްކުރެއްވި" ކަމަށެވެ. އޭނާ ޓްރަމްޕް "މަލާމާތުގެ" ގޮތުން ސިފަކުރަމުން ބުނީ ޓްރަމްޕް އަކީ "އިންސާނުންނަށް ވުރެ ބޮޑަށް މާލީ ކަންކަމަށް އިސްކަންދޭ" މީހެއް ކަމަށެވެ.

40 އަހަރުގެ ޤާނޫނީ ވަކީލެއް ކަމަށްވާ ސަރްހީ ބުނީ ޒެލެންސްކީ ވަރަށް ރަނގަޅަށް ޔުކްރެއިންގެ މަސްލަހަތު ހިމާޔަތްކުރެއްވި ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ އަމަލުތަކަކީ "ޑިމޮކްރެޓިކް ޤައުމެއްގެ ލީޑަރެއްގެ އަމަލުތަކެއް ނޫން" ކަމަށް އޭނާ ބުންޏެވެ.

36 އަހަރުގެ ދަނޑުވެރިކަމުގެ ޓެކްނޮލޮޖިސްޓެއް ކަމަށްވާ ޔަރޮސްލަވް ބުނީ ޓްރަމްޕްގެ އަމަލުތަކުން އޭނާ "ރުޅިއައިސްފައިވާ" ކަމަށެވެ. "އަހަރެން އުއްމީދުކުރީ އެއްބަސްވުމެއްގައި ސޮއިކޮށް، ޔުކްރެއިނަށް އެހީތެރިވާނެ ކަމަށް. ނަމަވެސް ވީގޮތެއް ވެއްޖެ" ކަމަށް އޭނާ ބުންޏެވެ.

"ވާހަކަތައް ދިޔައީ ޖަޒުބާތާ އެކު، އެކަމަކުު އަހަރެމެންގެ ރައީސް އަހަރެމެންނަށް ވިސްނޭ،" ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޔޫލިއާ ބީބީސީ އާ ވާހަކަ ދައްކަމުން ބުންޏެވެ.

"އެއީ ޑިފްލޮމެޓިކް ވާހަކަތަކެއް ނޫން އެހެން ނަމަވެސް އެއީ އިޚްލާސްތެރި ވާހަކަތަކެއް، އަހަރެމެން ދިރިތިބެން ބޭނުންވޭ، އެއީ މިތަނުގައި ހަޔާތް ވޭތަކުރަން ޖެހިފައިވާ ގޮތުގެ ވާހަކަ ތައް" އޭނާ އިތުރަށް ބުންޏެވެ.

ޔޫލިއާ ބުނި ގޮތުގައި، ޔުކްރެއިން އަށް ދޭ ހަމަލާތައް އިތުރުވާ ވަރަކަށް ގައުމުގެ އެއްބައިވަންތަ ކަން ދަނީ ބޮޑުވަމުންނެވެ.

ރަޝިއާ ސިފައިން ޔުކްރެއިން އަށް އެރުމުގެ ކުރިން 2022 ވަނަ އަހަރު ޒެލެންސްކީގެ މަގްބޫލުކަން ޔުކްރެއިން ރައްޔިތުންގެ މެދުގައި ހުރީ އެންމެ 30 އިންސައްތައިގައެވެ. އެހެން ނަމަވެސް ހަމަލާތައް ދޭން ފެށުމާއެކު އެޕްރޫވަލް ރޭޓިން 90 އިންސައްތައް އަށް ކުއްލިއަކަށް މައްޗަށް ދިޔައެވެ.

ޓްރަމްޕް ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި އިރު ޒެލެންސްކީގެ މަގްބޫލު ކަމުގެ ނިސްބަތަކީ 52 އިންސައްތައެވެ. އެހެން ނަމަވެސް ހަނގުރާމަ ފެށީ ޔުކްރެއިން އިން ކަމަށް ޓްރަމްޕް ވިދާޅުވި ހިސާބުން ޒެލެންސްކީގެ މަގްބޫލުކަން 65 އިންސައްތަ އަށް މައްޗަށް ދިޔައެވެ.

ޓްރަމްޕް އާ ޒެލެންސްކީގެ ބައްދަލު ވުމަށްފަހު ޔުކްރެއިން ގެ ރައްޔިތުންގެ ޚިިޔާލު ހޯދުމަށް ދުނިޔޭގެ މަޝްހޫރު މީޑިއާ ތަކުން ކުރި މަސައްކަތަކުން ހާމަވި ގޮތުގައި، ޔުކްރެއިންގެ ރައްޔިތުން ދެކޭ ގޮތުގައި އެމެރިކާ އިން ޔުކްރެއިންގެ ރައްޔިތުންނަށް އިހްތިރާމެއް ނުކުރިއެވެ. އަދި އެމެރިކާ އިން ވަނީ ރަޝިއާ ކޮޅަށް ބުރަވެފައެވެ.

އެމެރިކާ އިން ޔުކްރެއިން ހަނގުރާމަ އާ ގުޅޭ ގޮތުން ގެންގުޅެމުން އައި ސިޔާސަތައް ބޮޑު ބަދަލެއް ގެނެސް، ޓްރަމްޕް ރަޝިއާ އަށް ތާއީދު ކުރައްވާ މޭރުމުން ވާހަކަފުޅުތައް ދައްކަވަމުން ފެށުމާއެކު ޔުކްރެއިން ރައްޔިތުން ވަނީ މާ ބޮޑަށް އެއްބައިވަންތަ ވެފައި ކަމަށް ބީބީސީ އާ ވާހަކަ ދެއްކި ޔުކްރެއިންގެ ރައްޔިތަކު ބުނެފައިވެއެވެ.

އިދިކޮޅު ޕާލިމެންޓް މެމްބަރަކު ވިދާޅުވީ، ޓްރަމްޕް ކަންތައް ކުރެއްވި ގޮތުން އޭނާ އަށް ކުއްލި ހައިރާން ކަމެއް ލިބުނު ކަމަށެވެ.

- ކޮމެންޓް