ކ. މާލެ
|
2 މާރޗް 2025 | އާދީއްތަ 13:46
ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025
ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ފަހަތުގައި ފޮރުވިފައި ހުރި ކަންތައްތަކެއް އެބަ ހުރިކަމަށް ތުހުމަތުކުރެވޭ"
ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ކޮން ބައެއް ވޯޓު ދީގެންތޯ ވެސް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި
ޖޭއެސްސީން ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހާމަ ނުކުރެވިގެން އުޅެނީ ސިއްރުކުރަން ބޭނުންވާ ބައިވަރު ކަންކަން ހުރުމުން ކަމަށް ވިދާޅުވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ފަހަތުގައި ފޮރުވިފައި ހުރި ކަންތައްތަކެއް އެބަ ހުރިކަމަށް ތުހުމަތުކުރެވޭ ކަމަށް ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ޖޭއެސްސީ އަށް ޤާނޫނީ ވަކީލުންގެ ޓީމަކުން ގޮސް، ކުއްލި ގޮތަކަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރި ސަބަބާއި މެދު ސުވާލުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހާމަ ނުކުރެވިގެން އުޅެނީ ސިއްރުކުރަން ބޭނުންވާ ބައިވަރު ކަންކަން ހުރުމުން ކަމަށް ވެސް ޤާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ސުޕްރީމްކޯޓު ހުއްޓުވާފައި ބޭއްވުމަކީ ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއް ހުސްކަމަކަށް ގެނައުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ބުދަ ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. މި ތިން ބޭފުޅުން ސަސްޕެންޑްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށެވެ.

ޖޭއެސްސީން ކުއްލި ގޮތަކަށް ބުދަ ދުވަހު ފަނޑިޔާރުންތަކެއް ވަކިކުރުމަށްޓަކާ ބޭއްވި ބައްދަލުވުމުގައި، ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ހޮވާފައި ހުންނަ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަކީލުންގެ ފަރާތުން ވަނީ ބުރާސްފަތި ދުވަހު ޖޭއެސްސީ އަށް ގޮސްފައެވެ. ވަކީލުންނާއި އެކު ޖޭއެސްސީ އަށް ވަޑައިގަތުމަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވާ ކުއްލި މައްސަލަ އެއް ބެލެނީ ތިން މީހުން ހުށަހެޅުމުން ކަމަށް ވާއިރު މި މައްސަލަ ބަލަން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެއްސީ ކޮން ބައެއް ހުށަހަޅައިގެންތޯ ސާފުވާން ޖެހޭ ކަމަށެވެ. އަދި ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ކޮން ބައެއް ވޯޓު ދީގެންތޯ ވެސް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް