ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 16:54
ޤާނޫނީ ވަކީލު އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025
ޤާނޫނީ ވަކީލު އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ފަނޑިޔާރުން ސަސްޕެންޑްކުރުން
"ޖޭއެސްސީން ފަނޑިޔާރުން ވަކިކުރީ ސަރުކާރާއި ގުޅިގެން، ރޭވިގެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވުމަށް"
ފަނޑިޔާރުން ސަސްޕެންޑް ކުރަން ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ޖޭއެސްސީ އިން ވަކީލުންނަށް ޖަވާބެއް ދީފައި ނުވޭ
ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް ހޮވާފައި ހުންނަ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް ސިޓީ އެއް ހުށަހެޅި
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ އަޑު އެހުމަށް ވަކީލުން ހާޒިރުވެތިއްބާ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކޮށްފައި ވަނީ ސަރުކާރާއި ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވުމަށް ކަމަށް، ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ބައެއް ވަކީލުން ވަނީ ޖޭއެސްސީ އަށް ގޮސް، އެ ކޮމިޝަނުން ބުދަ ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވާ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި ކަން ހިނގި ގޮތް ސާފުކޮށް ދިނުމަށް ވަކީލުން އައީ ޑިމާންޑްކުރަމުންނެވެ.

ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް ބުނެ ޖޭއެސްސީން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ބޭއްވި އެ ބައްދަލުވުން ބާއްވާކަން އެންގުމަށް ދީފައި ވަނީ އެންމެ 13 މިނިޓުގެ ނޯޓިސްއެކެވެ. އެކަމުގެ ސަބަބުން އެ ބައްދަލުވުމުގައި އެއްވެސް ފަނޑިޔާރަކަށް ބައިވެރިވެފަ އެއް ނުވެއެވެ. އަދި އެ ބައްދަލުވުން ފަސްކޮށްދިނުމަށް ފަނޑިޔާރުންގެ ފަރާތުން އެދުނު ނަމަވެސް އެކަން ކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ދެކޮޅު ހަދާފައެވެ.

ޖޭއެސްސީ ބޭރުގައި ހުންނަވާ ވަކީލުންގެ ކަންބޮޑުވުންތަކާއި މެދު ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދޮޅު ގަޑި އިރު ވަންދެން ޖޭއެސްސީގައި ވަކީލުން މަޑުކޮށްގެން ތިބި ނަމަވެސް ފަނޑިޔާރުން ވަކިކުރަން ބޭއްވި ބައްދަލުވުމުގެ ތަފްސީލްތަކާ ބެހޭ ގޮތުން ވަކީލުންނަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އައްޔަންކޮށްފައިވާ އަލީ ލަތީފް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތްތޯ އަދި އެ މައްސަލައިގައި ވޯޓުދެއްވީ ކިހިނެތްތޯ ވަކީލުން ސާފުކުރަން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮންލައިންކޮށް ވެސް ބޭއްވޭ ޖަލްސާ. 13 މިނިޓް ތެރޭ ޖަލްސާ ބޭއްވެ ނޫންތޯ؟ ޖޭއެސްސީގެ ޖަލްސާ އެއް ބާއްވައިގެންނޭ އެ މައުލޫމާތު ދެވޭނީ ބުނަނީ. އެއަށް ވުރެ ޒިންމާދާރުކޮށް މިކަން ވާން ޖެހޭނެ.

ޤާނޫނީ ވަކީލް އަލީ ހުސެއިން

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި އިރު މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކި ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލައިގެ އަޑުއެހުމަށް ވަކީލުން ތިބީ ކޯޓަށް ހާޒިރުވެކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި އަޑު އެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމުން އެކަމާއި މެދު ޖޭއެސްސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ފަނޑިޔާރުންނާއި މެދު އޭސީސީން ބަލަމުންދާ މައްސަލަތަކަކީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން ހުށަހެޅިފައިވާ މައްސަލަތަކެއް ކަމަށް ވާއިރު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހުނު ސަބަބާ މެދު އަލީ ހުސެއިން ވަނީ ސުވާލު އުފައްދަވާފައެވެ.

ޖޭއެސްސީން ކުއްލި ގޮތަކަށް ބުދަ ދުވަހު ފަނޑިޔާރުންތަކެއް ވަކިކުރުމަށްޓަކާ ބޭއްވި ބައްދަލުވުމުގައި، ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ހޮވާފައި ހުންނަ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަކީލުންގެ ފަރާތުން ވަނީ ޖޭއެސްސީ އަށް ސިޓީ އެއް ވެސް ހުށަހަޅާފައެވެ. އެ ސިޓީ ބަލައިގަތްކަމުގެ ލިޔުން ޖޭއެސްސީގެ އިދާރީ މުވައްޒަފުން ވަނީ ވަކީލުންނާއި ހަވާލުކޮށްފައެވެ.

- ކޮމެންޓް