ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 10:14
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހެއްގައި އެ ކޯޓުގެ ހަތް ފަނޑިޔާރުން
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހެއްގައި އެ ކޯޓުގެ ހަތް ފަނޑިޔާރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ކޯޓުތަކުގެ ބިލު
ވަކި ވަކިން ވޯޓަށް އަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު މަޖިލިހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ ވަކި ވަކި މެމްބަރުންގެ ނަން ގޮވައި ވޯޓަށް އަހައިގެން
ބިލަށް ވޯޓަށް އަހައި، ފާސްކޮށްފައިވާއިރު ޕީއެންސީ އާއި ކޯލިޝަން ޕާޓީގެ ބައެއް މެމްބަރުން މަޖިލީހަށް ވަޑައި ނުގަންނަވަ އެވެ
އެމްޑީޕީގެ މެމްބަރުން ގެންދިޔައީ މަޖިލީހުގައި ބިލުގެ މަސައްކަތް ގެންދިޔަ ގޮތާ މެދު އިހުތިޖާޖު ކުރަމުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތުގެ ގާނޫނަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، އެ ބިލާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓު އިއްވައިފަ އެވެ. އެއަށްފަހު ބިލަށް ބަހުސް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. ބިލުގެ ބަހުސް އަށް އެއް ގަޑިއިރު ކަނޑައަޅާފައިވާކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ބަހުސް ނިމުމާއެކު ބިލުގެ ވޯޓަށް އައްސަވާނެ ކަމަށެވެ.

ބިލުގެ ބަހުސްގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ ވަކި ވަކި މެމްބަރުންގެ ނަން އަހައިގެންނެވެ. އެއީ މަޖިލީހުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ، ފެންނަ ނުފެންނަ ކަމަށް މެމްބަރުން ގާތު އަހައިގެންނެވެ.

މަޖިލީހުގައި ތިއްބަވާ އިދިކޮޅު، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ވަނީ ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތަކަށް ގޮތެއް ނިންމުމަށްފަހު، ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ. ނަމަވެސް ރިޔާސަތުން ވަނީ ކައުންސެލް ޖެނެރަލް ކަންބޮޑުވުން ފޮނުއްވަން ޖެހޭނީ ކޮމެޓީ އަށް ކަމަށާއި، އެކަމަށް ގޮތެއް ނިންމަން ޖެހޭނީ ކޮމެޓީން ކަމަށް ވިދާޅުވެ، ބިިލުގެ ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އެއާއެކު އެމްޑީޕީގެ މެމްބަރުން ގެންދިޔައީ މަޖިލީހުގައި އެކަމާ ދެކޮޅަށް ނުރުހުން ފާޅު ކޮށްފަ އެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީ މެމްބަރުންގެ ނަން އިއްވަން ފަށައިފަ އެވެ. އެންމެ ފުރަތަމަ އިއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދުގެ ނަމެވެ.

އެއަށްފަހު އެމްޑީޕީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް އަޙުމަދު ޛާކިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމްގެ ނަން ވެސް ވަނީ އިއްވައިފަ އެވެ. އެއަށްފަހު ވަނީ ބިލުގެ ވޯޓަށް އެހުން ކުރިއަށް ގެންގޮސްފަ އެވެ.

ބިލަށް ވޯޓަށް އަހައި، ފާސްކޮށްފައިވާއިރު ޕީއެންސީ އާއި ކޯލިޝަން ޕާޓީގެ ބައެއް މެމްބަރުން މަޖިލީހަށް ވަޑައި ނުގަންނަވަ އެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް، އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ނަސީރު، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢައްބާސް، މާފުށީ ދާއިރާގެ މެމްބަރު ޙުސެއިން ރިޟާ އާދަމް، މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް، މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އަޒާން މަރުޒޫގު މަޖިލީހަށް ވަޑައި ނުގަންނަވަ އެވެ.

- ކޮމެންޓް