ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް ޙުސްނުއް ސުޢޫދު މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ވާހަކަ އަކީ ދޮގެއްކަން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ފަނޑިޔާރު ސުޢޫދު ފޮނުއްވި ކަމަށް ބުނާ މެސެޖެއް ދައުރުވަމުންނެވެ. އެގޮތުން ފަނޑިޔާރު ކަމުގައި ސުޢޫދުގެ ދައުރު ނިމުނީ ކަމަށާއި، އަބަދު ވެސް ޖުޑިޝަރީ އަށް ކުރިއެރުމާއި ފާގަތިކަން އެދޭ ކަމަަށް ވެސް ސުއޫދު ވިދާޅުވި ކަމަށް އެ މެސެޖުގައި ވެއެވެ.
ނަމަވެސް، ރާއްޖެއެމްވީ އަށް ކަށަވަރުވެފައިވާ ގޮތުގައި ފަނޑިޔާރު ކަމުގެ މަގާމުން ސުޢޫދު އިސްތިއުފާ ނުދެއްވަ އެވެ. އަދި އިސްތިއުފާ ދެއްވަން ނިންމާފައި ނުވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ފަނޑިޔާރު ސުޢޫދު އިސްތިއުފާ ދެއްވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
އެ ބިލު ޖޫޑިޝިއަރީ ކޮމީޓީން އަންގާރަ ދުވަހު ފާސްކޮށް، ކޮމިޓީ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.