ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 16:07
ހޮޅުދޫގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން
ހޮޅުދޫގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން
ފޭސްބުކް
ޒަކިއްޔާގެ މަރު
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭޝަން ކައިރީގައި އެ ރަށު ރައްޔިތުން ވަނީ ހުުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކޮށްފައި
ޒަކިއްޔާ މަރުގެ މައްސަލާގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ، ރަށުގެ ރައްޔިތުންނާއި، އެއާއިލާއިން ވަނީ އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުމެފައި

ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން ތުހުމަތުތަކެއް ކުރެވޭ މީހަކު އޭނާގެ ޚަރަދުގަ އެ ރަށުގެ މިސްކިތުގައި ކާޕެޓް އެޅުމަށް ހުށަހެޅި ހުށަހެޅުން ކައުންސިލުން ބަލައިގަތުމުން ރަށު ރައްޔިތުން ނުކުމެ އެކަން ހުއްޓުވައިފިއެވެ.

އެ މައްސަލަ އާއި ގުޅިގެން އާދިއްތަ ދުވަހު ނ.ހޮޅުދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ އެ ރަށުގެ މިސްކިތެއްގައި އަމިއްލަ ފަރާތަކުން، އަމިއްލަ ޚަރަދުގައި ކާޕެޓް އެޅުމަށް ހުށަހެޅުމުން އެކަމަށް ފުރުސަތު ދިނުމަށް ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާ ނިންމުމާއި މެދު އާއްމުން ނުރުހުން ފާޅުކޮށް ހުށަހަޅާފައިވާ ޕެޓިޝަން އާއި މެދު ގޮތެއް ނިންމުމެވެ. އެ ޕެޓިޝަންގައި އެކަން އެގޮތަށް ނުކުރުމަށް ވަނީ ތުހުމަތުކޮށްފައެވެ.

87 މީހުންގެ ސޮޔާއި އެކު ހުށަހެޅުއްވި ޕެޓިޝަނާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު ކައުންސިލް އިދާރާ އަށް އާއްމުން ވަނީ އެއްވެފައެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ ވަނީ އެ މަސައްކަތް ވަގުތީގޮތުން މަޑު ޖައްސާލުމަށް ހުށަހަޅާފައެވެ. އަދި އޭނާގެ ހުށަހެޅުމާއި އެއްގޮތަށް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މި ބައްދަލުވުން ނިމުމުން ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭޝަން ކައިރީގައި އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަމުންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ޒަކިއްޔާ މަރުގެ މައްސަލާގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ، ރަށުގެ ރައްޔިތުންނާއި، އެއާއިލާއިން ވަނީ އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުމެފައެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހު ވެސް ރަށުގެ ގިނަ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި މިހާތަނަށް އައިރު ވެސް ޒަކިއްޔާ މަރުގެ އަސްލު ހޯދިފައިނުވާ ކަމަށާއި، ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ ލަސްވުމަކީ ނުތަނަވަސް ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

- ކޮމެންޓް