ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ ކޮންމެ ކަމެއް ވެސް ބައްޓަންވެފައި މި އޮންނަނީ ދިވެހި ރައްޔިތުންނަށް ތަކުލީފުތަކާއި ދުއްތުރާތައް ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ރަނގަޅު އިންތިޒާމެއް ނެތި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ނަމުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ ނިމިދިއަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެގޮތުން އެތައް ސަތޭކަ ބައަކު އެ ހަދިޔާ ނެގުމަށް އަންނަނީ ޖަމާވަމުންނެވެ.
ރައީސް ޑރ، މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެން ގޮތަށް ކޮންމެ ގެބިސީއަކަށް 48 ދަޅުގެ މަސްކޭސް ބެހުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، މާލޭގައި އެންމެ ފުރަތަމަ މަސްދަޅު ބަހަން ފަށާފައި ވަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ. އެގޮތުން މި ދެ ސަރަހައްދުގައިވެސް އެތައް ސަތޭކަ ބައަކު ވަނީ ފިތިބާރުވެގެން ކިޔުހަދާފައެވެ.
މިކަމާއި ގުޅުވާ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ އެއްވެސް އިންތިޒާމެއް ނެތި ރޯދަ ހަދިޔާ ބެހުމުގެ ނަމުގައި މި ސަރުކާރުން ކުރަމުން މިގެންދާ ކަންކަމުން އެނގި ދޭހަވެގެން ދަނީ ސަރުކާރުގެ ނާޤާބިލު ކަންކަމަށެވެ.
ރޯދަމަހަށް މަސްދަޅު ބަހާވާހަކަ ރައީސް ވަރަށް ކުރިއްސުރެވެސް ދައްކަމުން އަންނަ ކަމަށާއި ނަމަވެސް މިކަން ފެށިގެން މި ދިއައީ އެއްވެސް ތައްޔާރީއެއް ވުމެއް ނެތިކަމަށެވެ. އެގޮތުން އެކަން ކުރަމުން އެ ގެންދަނީ ދިވެހި ރައްޔިތުން އެއްތަނަކަށް ޖަމާކޮށް އެތައް ގަޑިއިރެއް ކޮޅަށް ބައިތިއްބައިގެން ހާލުގައި ޖައްސައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ވައުދު ފުއްދުމަށް މި ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކުން ތައްޔާރުވެފައި ނެއް ކަމަށާއި އެގޮތުން މަސްދަޅު ބެހުމުގެ ކަންތައް މިހާރު ވެސް އެ ކުރައްވަނީ ރައްޔިތުންނަށް އެކަމުގެ ވާނުވާވެސް ނޭނގޭ ގޮތަކަށް އޮޅުވާލައިގެން ކަމަށެވެ.
ރޯދަ މަހަށް ރައްޔިތުންނަށް މަސްދަޅު ބަހާވާހަކަ ރައީސް މުއިއްޒު ވަަރަށް ކުރިއްސުރެވެސް އައީ ދައްކަމުން. އެހެން ނަމަވެސް މިކަން ފެށިގެން މި ދިއައީ އެއްވެސް ތައްޔާރީއެއް ނެތި. އެއްވެސް އިންތިޒާމެއް ނެތި. ދިވެހި ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ހަތަރު ގަޑިއިރު، ނޫނީ ފަސްގަޑިއިރު، ކޮޅަށް ބައިތިއްބައިގެން އެކަން މި ކުރަނީ. އެއްވެސް އިންތިޒާމެއް ނެތި.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު![]()
ވަހީދު ވިދާޅުވީ ރައީސްގެ އެ ރޯދަ ހަދިޔާ ބެހުމުގައި ރަށްރަށުގައި އިންތިޒާމުތައް ހަމަޖައްސާފައި މިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް މާލޭގައި މިކަން މި ކުރައްވަނީ މުޅި އެއާއި ޚިލާފަށް ކަމަށެވެ. އެގޮތުން އެކި ދުވަހު އެކިގޮތަށް، ކުއްލިކުއްލިއަށް ކަންކަން ބަދަލުކޮށް ރައްޔިތުންނަށް އޮޅޭގޮތަށް ކަންކަނަ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ހަގީގަތުގައި ވެސް ރައީސް މުއިއްޒުގެ މި ސަރުކާރުން ކަންކަން ކުރައްވަމުން އެ ގެންދަވަނީ އެއްވެސް ކަހަލަ ރޭވުމެއް ނެތި، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭ ގޮތަށް ކަމަށާއި މި ސަރުކާރުގެ ހުރިހާ ކަމެއްވެސް ބައްޓަން ވެފައި ހުރީ އެބީދައިން ކަމަށެވެ.