ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 13:12
ބަންދުކޮށްފައިވާ ސަރަހައްދެއްގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ
ބަންދުކޮށްފައިވާ ސަރަހައްދެއްގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
މަސްތުވާތަކެތި
މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން

މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

19 ފެބްރުވަރީ 2025 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާއިރު، ހަމަ އެދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ، ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލަ އާއި ގުޅިގެން 23 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުމާ ގުޅިގެން 23 އަހަރު، 28 އަހަރު، އަދި 29 އަހަރުގެ ތިން ޒުވާނުން ހައްޔަރުކޮށްފައިވެއެވެ.

- ކޮމެންޓް