ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
އާދިއްތަ ދުވަހު ކޮމިޝަނަރގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަހްމާންއާއި އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވެލެއްވި އެވެ.
މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަށް ކޮމިޝަނަރ ތަހުނިޔާ ދެންނެވި އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ފުލުހުން ބުނީ، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަ ތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.
މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނު ދިނުމުގެ އިތުރުން ތަހުގީގު ކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރި ކުރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަޝްވަރާ ކޮށްފައިވާއިރު، އެންމެފަހުން އިދިކޮޅު އެމްޑީޕީން ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ ގައި ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށް އަނިޔާ ކޮށްފައިވާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަދި ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސަސް (އެލްރާޑްސް) ބޭނުން ކޮށްފައިވާތީ ބޭރުގެ އެކިއެކި ޖަމިއްޔާތަކުން ވެސް އެކަން ކުށްވެރި ކޮށްފައިވެ އެވެ. މގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާ މިނިވަންކަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް ހަނި ކުރަމުންދާއިރު، އެކަމަށް ފުލުހުން އެއްބާރުލުން ދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެ މުއައްސަސާއަށް ވަނީ އަމާޒު ވެފަ އެވެ.