ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 18:30
ދިވެހި ރުފިޔާ ތަކަކާއި ވަކި ލާރިތަކެއް
ދިވެހި ރުފިޔާ ތަކަކާއި ވަކި ލާރިތަކެއް
ރާއްޖެއެމްވީ
މާލީ ހާލަތު
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
ޖުމްލަ އާމްދަނީގެ 65 އިންސައްތަ ހިންގުމުގެ ޚަރަދު ތަކަށް ހޭދަ ކޮށްފައިވާއިރު، ކެޕިޓަލް ޚަރަދު ތަކަށް ހޭދަ ކޮށްފައިވަނީ އެންމެ 4 އިންސައްތަ އެވެ.

އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ ދަށަށް ގޮސްފައިވާ އިރު މުސާރަ އާއި އުޖޫރަ އަށް ކުރި ޚަރަދުތައް މައްޗަށް ހިނގައްޖެ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ހާމަ ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އަކީ 4.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މި މުއްދަތުގައި ލިބުނު އާމްދަނީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 358 މިލިއަން ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

މިހާތަނަށް ދައުލަތަށް 4.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިޔަން ރުފިޔާ އާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 541 މިލިޔަން ރުފިޔާ އާއި އެހީގެ ގޮތުގައި ލިބިފައިވާ 28.3 މިލިޔަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ޓެކްސް އާމްދަނީ އިން 192 މިލިއަން ރުފިޔާ ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 193 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. އިމްޕޯޓު ޑިއުޓީން 104 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ ދަށްވެފައެވެ.

އަނެއްކޮޅުން މި މުއްދަތުގައި 3.01 ބިލިއަން ޚަރަދު ކޮށްފައިވާ އިރު އޭގެ ތެރޭގައި، ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 2.8 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 169 މިލިޔަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް މުސާރަ އާއި އުޖޫރަ އާއި ޕެންޝަނުގެ ގޮތުގައި 1.14 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެއެވެ. މި މުއްދަތުގައި މިދިޔަ އަހަރު ހޭދަ ކޮށްފައިވަނީ 1.02 ބިލިއަން ރުފިޔާއެވެ. މިއާއެކު 116 މިލިއަން ރުފިޔާގެ އިތުރަށް މިބައިން މިއަހަރު މިހާތަނަށް ވަނީ ޚަރަދުވެފައެވެ.

ލޯނު އަނބުރާ ދެއްކުމަށް މި މުއްދަތުގައި 474 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު މިއީ، މިދިޔަ އަހަރު މި މުއްދަތުގައި މިކަމަށް ހޭދަ ކުރި ވަރަށް ވުރެ 53 މިލިއަން ދަށް އަދަދެކެވެ.

ރިކަރަންޓު ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް މި މުއްދަތުގެ ތެރޭގައި މި ދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަން ފާހަގަ ކުރެވޭ އިރު، ޖުމްލަ އާމްދަނީގެ 65 އިންސައްތަ ހިންގުމުގެ ޚަރަދު ތަކަށް ހޭދަ ކޮށްފައިވާއިރު، ކެޕިޓަލް ޚަރަދު ތަކަށް ހޭދަ ކޮށްފައިވަނީ އެންމެ 4 އިންސައްތަ އެވެ.

- ކޮމެންޓް