ރަސްމާލެ ހިއްކަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާފު ކުރަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތު ކޮށް އެ ފަރާތުން ބުނީ މި ފައިސާ އެމްއެމްއޭ އިން ޗާފު ކުރުމަށްފަހު ވިސްނާފައިވަނީ ޕެންޝަން ފަންޑުގައި އިސްވެސްޓް ކުރުމަށެވެ.
އެ ގޮތުން ޕެންޝަން ފަންޑަށް ފައިސާ ވަނުމުން، އެ ފައިސާ ބޭނުން ކޮށްގެން ފިނޭންސް މިނިސްޓްރީ އިން ޕެންޝަން ފަންޑުން ޓީ-ބިލު ގަންނާނެ ކަމަށާއި، އެގޮތުން ޗާޕް ކުރި ފައިސާ ސަރުކާރުގެ ބޭނުމަށް ލިބޭނެ މަގު ތަނަވަސްވާނެ ކަަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.
މިކަން ސަރުކާރުގެ އެއްވެސް ފަރާތަކުން އަދި އެމްއެމްއޭ އިން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.
އަނެއްކޮޅުން މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރަމުން ގެންދާނީ ފައިސާ ޗާޕު ނުކޮށް ކަމުގައެވެ.
އޭގެ އިތުރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕޭނުގައި ވާހަކަ ދައްކަވަމުން ސަރުކާރުން ބޭނުންވާ ކަންކަން ކުރެވޭ ވަރަށް ދައުލަތައް ފައިސާ ވަންނަމުންދާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ލޯނުތައް ދެއްކޭ ވަރަށް ފައިސާ ހަމަ ޖެހިފައިވާ ކަމަށާއި އެކި ދިމަދިމާލުން ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.