ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 13:29
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހެދުމަށް ޚުތުބާގައި ގޮވާލައިފި
ރޯދަހިފާން ޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ، މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ
އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރަންޖެހޭ
މި މައްސަރާ ކުރިމަތިލާއިރު، ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވާންޖެހޭ

ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހެދުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ރަމަޟާން މަހަށް ތައްޔާރުވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ބުނީ މި މައްސަރާ ކުރިމަތިލާއިރު، ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވާންޖެހޭ ކަމަށެވެ. މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާ އެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރާންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރަންޖެހޭ ކަމަށާއި، ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޟާންމަހެވެ. މި ބަރަކާތްތެރި މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން  އެ މައްސަރާ އިސްތިޤުބާލުކުރާންޖެހެއެވެ. ރަމަޟާންމަސް ކައިރިވެގެން އަންނަ ހިނދު ކައުއިތުރު ރަސޫލާ حَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަޞްޙާބު ބޭކަލުންނަށް އެ މަހުގެ މުހިއްމުކަމާއި ބަރަކާތްތެރިކަން ބަޔާންކޮށްދެއްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (أَتَاكُمْ رَمَضَانُ، شَهْرٌ مُبَارَكٌ، فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيْهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيْهِ أَبْوَابُ الْـجَحِيْمِ، وَتُغَلُّ فِيْهِ مَرَدَةُ الشَّيَاطِيْنِ، لِلَّهِ فِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ.) މާނައީ: "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ تَعَالَى ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟުކުރެއްވިއެވެ. އެ މަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ (ހުރިހައި ހެޔޮކަމަކުން) މަޙްރޫމުވެއްޖެއެވެ.

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ރޯދަހިފާން ޖެހޭ ގޮތަށް ރޯދަ ނުހިފާ ނަމަ، މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ ކަމަށެވެ. ރަމަޟާންމަހުގެ މި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުންލިބޭ ބަޔަކަށް ވެއްޖެ ނަމަ އެއީ ބޮޑު ހިތާމައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ حَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ.) މާނައީ: "ދޮގު ވާހަކަދެއްކުމާއި ނުބައި ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ تَعَالَى އެދިވޮޑިއެއްނުގަންނަވަތެވެ." ރަސޫލާ zގެ އެހެން ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދަހިފާ ބައެއް މީހުންނަށް އެ ރޯދައިގެ ސަބަބުން ކަރު ހިއްކުމާއި ބަނޑުހައިހޫނުކަށް ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. އަދި ރޭއަޅުކަން ކުރާ ބައެއްމީހުންނަށް އެ ކަމުގެ ސަބަބުން ހޭލައިހުރުން ފިޔަވައި، އެހެން އެއްޗެއް ނުލިބެއެވެ." ރަމަޟާންމަހާ ބައްދަލުވެ، އެ މަހު އޭނާގެ ނަފުސު ތަހުޒީބުނުވެ، ހަމައެކަނި ނަމަކަށް ރޯދަހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީއެވެ.

ހުކުރު ޚުތުބާ

ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަތުމަށް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން ކަމަށާއި، ނަމަވެސް ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފުކުރާ މީހުން ފެންނަ ކަމަށެވެ. މި ފަދަ ކަންތައްތަކާ ދުރުހެލިވެ، ރަމަޟާންމަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، އެ ފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ސަވާބަށް އުނިކަން އަންނާނެ ކަންކަން ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

- ކޮމެންޓް