މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު އަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ލަންކާ ހައިކޮމިޝަން ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީ އަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްޢާން އާއި ދެކޮޅަށް އިހުތިޖާޖުކުރަމުން ދަނީ ލަންކާ އަށް ނިސްބަތްވާ މީހެކެވެ. އެ މީހާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ބޭރުގައި ޝަމްެޢާން އަކީ ކޮރަޕްޓް މީހެއް ކަމަށް ފާހަގަކޮށް ލިޔެފައިވާ މެސެޖުތަކަކާއި އެކު ޝަމްޢާންގެ ފޮޓޯ ހައިކޮމިޝަންގެ ބޭރުގައި ހަރުކޮށްފައެވެ. އަދި އޭނާ ދަނީ އެކަމާއި މެދު އަޑު އުފުލަމުންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ އެ އިހުތިޖާޖުކުރަން ފަށާފައި ވަނީ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓަރ ޑރ.އިބްރާހިމް ހަލީލް ލަންކާގައި ތިބި ދިވެހިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާތީ އެ ދަނޑިވަޅާއި ދިމާކޮށެވެ. ބުރާސްފަތި ދުވަހު ހަވީރު މިނިސްޓަރ ހަލީލް ލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލުކުރުމަށް ބާއްވާ ޚާއްސަ އިވެންޓެއް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް މި ނޫހަށް މައުލޫމާތުދިން މީހާ ވަނީ ބުނެފައެވެ.
އެ މީހާ ހިފައިގެން ހުރި ލިޔުންތަކުގައި، ޝަމްޢާން އަކީ ކޮރަޕްޓް މީހެއް ކަމަށް ފާހަގަކޮށް ޝަމްޢާން ފަޟީހަތްވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޝަމްޢާން އަކީ ބޯޑަރ ކޮންޓްރޯލަރގެ ނަމުގެ ފަހަތުގައި ފޮރުވިގެން ހުރެ، ރިޝްވަތު ނަގާ މީހެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މީހާ ބުނެފައި ވަނީ ޝަމްޢާން ދަނީ ވޯރކް ވިސާ ފޯރުކޮށްދިނުމަށް ރިޝްވަތު ނަގަމުން ކަމަށެވެ. އޭނާ ވަނީ އެ މެސެޖުތަކާއި އެކު ގިނަ ޕޯސްޓަރތަކެއް ހަރުކޮށްފައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާއްމުންގެ މީހަކު ބުނީ އެ މީހާ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރީގައި ހުރި އިރު އިތުރު ބައެއް މީހުން ވެސް އޭނާ އާއި އެކު ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ލަންކާގެ ބައެއް ނޫސްވެރިން ވެސް އެ ސަރަހައްދުގައި ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ހާރިޖީ ވަޒީރު ހަލީލަށް ގުޅާ، މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އެފަދަ ކަމެއް ހިނގާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. އެހެންނަމަވެސް ޝަމްޢާން އާއި މެދު ކުރާ ތުހުމަތުތަކާއި މެދު އިތުރު މައުލޫމާތު ހޯދުމަށް ފަހުން ރާއްޖެއެމްވީން ގުޅުމުން ޝަމްޢާން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.