ކ. މާލެ
|
13 މެއި 2025 | އަންގާރަ 17:32
ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން: އެމީހުންނަށް ދައުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފަ
ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން: އެމީހުންނަށް ދައުވާކުރުމަށް މިހާރުވަނީ ޕީޖީ އޮފީހަށް ފޮނުވާފަ
ޕޮލިސް މީޑިޔާ
އިމިގްރޭޝަންގެ ކޮރަޕްޝަން މައްސަލަ
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އެ އިދާރާގެ ހަތަރު އޮފިސަރެއްގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ހޯމަ ދުވަހު
ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރީ އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން

ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އެ އިދާރާގެ ހަތަރު އޮފިސަރެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޝަމްއާން ހިމެނޭހެން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި ފަސްމީހުންނަކީ އުމުރުން 36 އަހަރުގެ މުޙައްމަދު ޝަމްއާން ވަހީދު، ގ. ލިޓޯނިޔާ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާއިލް، ތ. ބުރުނި އާއި އުމުުރުން 37 އަހަރުގެ އިބްރާހިމް އަޙްމަދު، ގ. ހެޕީސައިޑް އާއި އުމުރުން 47 އަހަރުގެ ހަސަން ސަހެޝާން، ގ. ހެޕީސައިޑްގެ އިތުރުން އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު، މ. ހަޒާރީވިލާ އެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް އަދި ގާނޫނީ ވަކީލް އަޙްމަދު ޝަފީއު އަންގާރަ ދުވަހު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޝަމްއާނަ ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހޯމަ ދުވަހު ފުލުހުން, ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަގު ކުރެވޭ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އޭގެ ތެރެއިން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން، އެ ރެއިޑް އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުންކަމަށާއި އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ބައިމިލިއަނެއްހައި ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.

ޝަމްއާނުގެ އާއިލާއިން ތުހުމަތުކުރި ގޮތުގައި، ޝަމްއާން ވަނީ ފްރޭމްކޮށްފައެވެ. އަދި ޝަމްޢާން ފްރޭމްކޮށްފައި ވަނީ މިނިސްޓަރ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައުމުންނެވެ.

އެހެން ނަމަވެސް ނަމަވެސް ޝަމްއާންގެ އާއިލާއިން ކުރާ މި ތުހުމަތުތައް ރައީސް މުއިއްޒާއި މިނިސްޓަރ އިހުސާން ވެސް ދޮގު ކުރައްވަވައެވެ.

- ކޮމެންޓް