ރޯދައަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް އިމްޕޯޓްކުރާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބުދަ ދުވަހު ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯއިން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް ހާއްސަކޮށް އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ.
އެސްޓީއޯއިން ބުނީ ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މިފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި އާންމުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މި ތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން ކަމަށާ އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައި ވަނީ 320ރ. އަށެވެ. ފިޔާ އަދި އަލުވި ބަސްތާއެއް 310ރ. އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ފަސް ކިލޯގެ ލުނބޯ ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 145ރ. އަށެވެ.
ހޯލްސޭލްކޮށް އެސްޓީއޯއިން ފިޔާ ބިސް އަދި އަލުވި ވިއްކާނީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2ރ. އަށް ބިހެއް އަދި އަލުވި ކިލޯއެއް 18ރ. އަށް ދަނީ ވަކިން ވިއްކަމުންނެވެ.
އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސް އިން ފިޔާ ހޯލްސޭލްކޮށް ދަނީ ވިއްކަމުންނެވެ. އަދި ވަކިން ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 14ރ. އަށް ދަނީ ވިއްކަމުންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ގާއިމުކޮށްފައިވާ އެސްޓީއޯ ވެއާހައުސް އިން ދަނީ ވިއްކަމުންނެވެ. އަދި ވަކިން ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ކިލޯއެއް 40ރ. އަށް ދަނީ ވިއްކަމުންނެވެ.
އެސްޓީއޯއިން ބުނީ ޚާއްޞަކޮށް ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން. ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.
ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ފިޔާ، އަލުވި، ބިސް އަދި ލުނބޯ ބާޒާރަށް ނެރެނީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށެވެ. މިގޮތުން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން އެ ތަކެތި އިމްޕޯޓް ކުރެ އެވެ.
އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ އަސާސީ ކާބޯތަކެއްޗާއި ތާޒާ ތަރުކާރީ އަދި މޭވާ އާއި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.
އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް އަލުވި، ކާށި އަދި ކަދުރެވެ. ތާޒާ ތަރުކާރީ އަދި މޭވާގެ ތެރޭގައި ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާއެވެ.
ޕްރޮސެސްޑް ކާނާގެ ތެރޭގައި ހިމެނެނީ ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅެވެ. އަދި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ ހިމެނެއެވެ.