ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވީގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމައިފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ބުދަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެސްޓީއޯ އިން މިބާވަތްތައް ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާ އާއެކު މިއަދު ނިންމާފައިވާ،" ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިބާވަތްތަކުގެ ވިޔަފާރި ކުރުމަށް ސަރުކާރުން ނިންމީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމު ކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ކަމުގައެވެ.
ސަރުކާރުން ދާދި ފަހުން ވަނީ އައިނު ހެއްދުމުގެ ވިޔަފާރި ވެސް ފަށާފައެވެ. އައިޖީއެމްއެޗް ގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ސަރުކާރުން ވަނީ އައިނު ފިހާރަ ހުޅުވާފައެވެ. އަދި ޒަމާނުއްސުރެ އަމިއްލަ ފަރާތްތަކުން ދެމުން އަންނަ ޓެކްސީގެ ޚިދުަމަތް ވެސް ސަރުކާރުން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުން އާންމު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުން ދިއުމަކީ "ކޮމިއުނިސްޓް" އުސޫލެއް ކަމަށާއި އޭގެ ނަތީޖާ އަކަށް ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވުން ކަމަށް ބުނެ ގިނަ ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުން ގެންދިޔަ ނަމަވެސް، މިކަން ސަރުކާރުން ކުރަނީ އަގު ކޮންޓްރޯލު ކުރުމުގެ ގޮތް ދައްކައިގެންކަން ފާހަގަ ކުރެވެއެވެ.
މި ނޫހަށް ވާހަކަ ދެއްކި އަމިއްލަ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަބުން ކިތަންމެ އަމިއްލަ ވިޔަފާރި އެއް މިހާރު ވެސް ވަނީ ބަނގުރޫޓުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯ އާ ޚިލާފަށް އަމިއްލަ ފަރާތްތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ގަންނަން ނުލިބޭތީ ބައެއް އަމިއްލަ ފަރާތްތަކުން ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރުމުގެ ވިޔަފާރި ވަނީ ހުއްޓާލާފައެވެ.
އަމިއްލަ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި އެސްޓީއޯ އަށް ރަސްމީ ކުޑަ ރޭޓުން ޑޮލަރުން ގަންނަން ލިބޭ އިރު، ބޮޑެތި ރޭޓުގައި ކަޅު ބާޒާރުން ޑޮލަރު ގަނެގެން އަލަށް އެސްޓީއޯ އިން ފަށަން މި ނިންމި ވިޔަފާރީގެ ތެރޭގައި ދެން އަމިއްލަ ފަރާތްތަކަށް ހަރަކާތްތެރިވުން އޮންނާނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.