ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 16:47
ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ
ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ
އެންވަރަންމަންޓް މިނިސްޓްރީ
ކަނޑުގެ ސަރވޭކުރުމަށް ޗައިނާއަށް
ރާއްޖޭގެ ކަނޑު މައުލޫމާތު ނަގައި ދިރާސާކުރެވޭނެމަގުތައް ސަރުކާރުން ޗައިނާއަށް ފަހިކޮށްދީފި
ދިވެހިރާއްޖޭގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީއާއެކު ހެދި އެއްބަސްވުމުގެ ތަފްސީލެއް ހާމައެއް ނުކުރޭ
މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވޭ
މިފަދަ އެއްބަސްވުމެއް ޗައިނާއެކުވެފައިވަނީ އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން މި ޖޫންގެ ނިޔަލަށް ރަސްމީކޮށް ނިނުމަކަށް އަންނަ އިރު

ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމާއި މައުލޫމާތު ނަގައި ޗައިނާއިން ބޭނުންކުރެވޭ ގޮތަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހިމްއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސްއާއެވެ.

ގުއަންޑޮންގް ޕްރޮވިންސްގެ ގުއަންޒޯގައި ހުންނަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް (އެސްސީއެސްއައިއޯ) އަކީ ޗައިނާގެ އެންމެ ބޮޑު އެއް މެރިން ރިސާޗް އިންސްޓިޓިއުޓެވެ. މިވަގުތު އެ އިންސްޓިޓިއުޓުގައި 600 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 100 ސީނިއާ ސައިންސްވެރިންނާއި 100 އަށް ވުރެ ގިނަ ކްރޫއިންނާއި 400 ދަރިވަރުންނާއި ޕޯސްޓްޑޮކްޓަރުން ހިމެނެއެވެ.

އެސްސީއެސްއައިއޯގެ މިޝަނަކީ ސަރަހައްދީ އަދި ދުނިޔޭގެ ކަނޑުތަކާ ބެހޭ ގޮތުން ފުން ދިރާސާތަކެއް ކުރުމާއި، ޚާއްސަކޮށް ދެކުނު ޗައިނާ ކަނޑާއި، އިންޑިއާ ކަނޑާއި، ހުޅަނގު ޕެސިފިކް ކަނޑުތަކާ ބެހޭ ގޮތުން ފުން ދިރާސާތަކެއް ކުރުމެވެ.

މި ސަރުކާރު ވެރިކަމަށް އައިތަނާވެސް ރާއްޖޭގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ އުޅަނދެއް ހަރަކާތްތެރިވެފައިވެއެވެ.

ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބެލެވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި ކަމާ ގުޅޭ ގޮތުންބުނީ މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ އުޅަނދެއް ރާއްޖޭގައި ބަނދަރުކޮށްފައިވެއެވެ. އަދި އެ އުޅަނދުން ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކަނޑުގެ މައުލޫމާތު އެއްކޮށްފައިވާ ކަަމަށް ބައިނަލްއަގުވާމީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރައިސްގެ މި ދަތުރުފުޅަށްފަހުވެސް ކަނޑުގެ ދިރާސާ ކުރާ ޒަމާނީ ބޯޓު ޝިއެން ޔެން ހޮން-3 ރާއްޖެއަށް އައިސްފައިވެއެވެ. މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު 2024 ފެބްރުއަރީ މަހު މާލެ ކައިރީގައި ބަނދަރުކުރުމުގެ ކުރިން ވަނީ ތިން ހަފްތާ ވަންދެން އިންޑިޔާ، ރާއްޖެ އަދި ލަންކާގެ އީއީޒެޑްގެ ބޭރު ސަރަހައްދުގައި ސަރވޭ ކުރިޔަށްގެންގޮސްފައެވެ.

އަދި ޗައިނާއިންވެސް އެއިރު ބުނެފައިވަނީ ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ނަމަވެސް އެއިރު ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުގައި ބޯޓާއި ގުޅުވައިގެން ދައްކާފައިވާ ވާހަކަތައްވެސް ދޮގުކޮށްފައިނުވެއެވެ. އެއީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ ދުވަސްވަރެވެ.

އަދި ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަނޑުގެ ސަރވޭ ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް އަޑު ފެތުރުނު ނަމަވެސް، ސަރުކާރުން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައިވާ އިރު، އިންޑިއާއެކު ކުރީ ސަރުކާރުން ސޮއިކުރި ހައިޑްރޯގްރަފީ އެއްބަސްވުން ރަސްމީކޮށް ނިމުމަކަށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އަންނާނެއެވެ.

- ކޮމެންޓް