ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 23:08
އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މެންބަރުން އައްޔަންކުރުން
ރައީސް ބޭނުންފުޅުވާގޮތަށް އީސީ އަށް ރައީސްއާއި ނައިބްރައީސް އަދި އޭސީސީއަށް ނައިބްރައީސް އައްޔަންކުރައްވައިފި
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވީ މުޙައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އައްޔަން ކުރެއްވީ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ ޢަބްދުﷲ ނާޝިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބްރައީސް އަދި އޭސީސީގެ ނައިބްރައީސް އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ކ.ހުރާ، ރޯޒް އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރެއްވީ އަންގާރަ ދުވަހުއެވެ.

މި ދެބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ އަލްފާޟިލް ޢަބްދުﷲ ނާޝިދު ވެސް އައްޔަންކުރެއްވީ އަންގާރަ ދުވަހުއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ޢަބްދުﷲ ނާޝިދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގައެވެ. ޢަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.

- ކޮމެންޓް