ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 06:29
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހައްޔަރުކުރި 3 މީހުން
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހައްޔަރުކުރި 3 މީހުން
ޕޮލިސް
މަސްތުވާތަކެތީގެ އޮޕަރޭޝަން
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި
މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އަދި ފައިސާ ފެނުނު
ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަކި މުއްދަތަކަށް ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައިވޭ

ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) އެވެ. މިމަހުގެ މަހުގެ 14ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމެވެ.

މިމަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) އެވެ.

ޢަލީ މުޙައްމަދުފުޅު (54އ) ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވެއެވެ.

އަޙްމަދު ވިއާމް (26އ) ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމެވެ.

މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެންނެވެ. ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް