މާލޭގެ ރެސްޓޯރަންޓަކުން 1 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު ހައްޔަރު ޒުވާނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ ކައުންޓަރ ނާރކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު، ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، 19 އަހަރުގެ މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް އެވެ.
މީގެ އިތުރުން ފުލުހުން ބުނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.