ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 17:08
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
މިއީ މިމައްސަލާގެ ފުރަތަމަ އަޑު އެހުން
މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުން
މިމައްސަލަ ނުނިމެނީސް ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް ހުށަހަޅާފައިވޭ

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

މި މައްސަލަ ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11:00ށެވެ. މިއީ މިމައްސަލާގެ ފުރަތަމަ އަޑު އެހުމެވެ.

މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. އަދި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

މިމައްސަލަ ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މެމްބަރުކަން ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ބަލައި ނުނިމެނީސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި 13 ފެބްރުއަރީ 2025 ގައި އެ ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-C/02 ޤަޒިއްޔާއާ ގުޅިގެން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މައްސަލަ ހުށަހަޅާފައިވާ ފަރާތުގެ ހައިސިއްޔަތުން ކޯޓުގެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މައްސަލައިގެ  އަޑުއެހުމެއް 17 ފެބްރުއަރީ 2025 އަށް ތާވަލު ކުރެވިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ބަލަމުންދާކަމާއި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމާއި، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު އާންމުވެފައިވާ ކަމުގައެވެ.

ވަކީލު އަލީ ހުސެއިން ހަވާލާ ދެއްވާފައިވާ ގަޒިއްޔާއަކީ، 20 ނޮވެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ މެމްބަރަކު ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ، މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުތައް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ދެކިގެން، އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސަލައާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

- ކޮމެންޓް