ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 12:05
ޔުވެންޓަސް އަށް ކުޅެމުން އަންނަ މުއާނީ
ޔުވެންޓަސް އަށް ކުޅެމުން އަންނަ މުއާނީ
ރޮއިޓާސް
ޔުވެންޓަސް
ޔުވެންޓަސް އިން ބޭނުން ވަނީ މުއާނީ އެ ކުލަބުގައި ބަހައްޓަން
ޔުވެންޓަސްގައި މުއާނީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖިއުންޓޮލީ ބުނީ، މިހާރު ކުރިއަށްދާ ސީޒަނަށް ވުރެ އިތުރަށް، ޔުވެންޓަސްގައި މުއާނީ ބަަހައްޓަން އެ ކުލަބުން ބޭނުންވާ ކަމަށެވެ.

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ، އެ ކުލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް ޔުވެންޓަސްގެ ޑިރެކްޑަރު ކްރިސްޓިއާނޯ ޖިއުންޓޮލީ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ މުއާނީ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރުމަށްފަހު، އޭނާ ޔުވެންޓަސް އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސް އަށް އޭނާ ބަދަލުވީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ ގޮތެއްގައި އޭނާ ހޯދޭ މާއްދާ، އެއްބަސްވުމުގައި ހިމަނާފައެއް ނުވެ އެވެ.

ޔުވެންޓަސްގައި މުއާނީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖިއުންޓޮލީ ބުނީ، މިހާރު ކުރިއަށްދާ ސީޒަނަށް ވުރެ އިތުރަށް، ޔުވެންޓަސްގައި މުއާނީ ބަަހައްޓަން އެ ކުލަބުން ބޭނުންވާ ކަމަށެވެ. ޕީއެސްޖީ އާއެކު އޮތީ ވަރަށް ރަނގަޅު އަދި ގާތް ކުޅުމެއްކަން ފާހަގަކޮށް އޭނާ ބުނީ، އެކަމުގައި ގޮތެއް ހޯދުމަށް އެ ކުލަބާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. ޚާއްސަކޮށް މުއާނީ ހޯދުމަށް އެންމެ ފަހުން ވެސް ވަރަށް ގިނަ ކުލަބުތަކަކާ ވާދަކޮށް، އެ ކުލަބުތައް ފަހަތަށް ޖައްސާލަން ޖެހުނުކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޔުވެންޓަސް އަށް ބަދަލުވެ މިހާތަނަށް އެ ކުލަބަށް ކުޅެދިން ތިން މެޗުގައި މުއާނީ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އެއީ އިޓާލިއަން ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކުގަ އެވެ. 2023 ވަނަ އަހަރު މުއާނީ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

- ކޮމެންޓް