މަޖިލިސް ހިންގަނީ ރައީސް އޮފީހުން ފޮނުވާ ވަޒީރަކު ބުނާ ގޮތަށް ކަމަށާއި، ކޮންޓްރޯލް ކުރަނީ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގހެ ހަބަރުބެރު ޕެނަލްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވިދާޅުވީ ހަގީގީ މާނަައިގައި ރައްޔިތުންގެ މަޖިލިސްގެ ދައުރު އަދާކުރުމުގައި އިންސައްތައިން ބަލާކަމުގައިވަނަމަ މަޖިލީހުގެ ދައުރު އަދާކުރަނީ ދެތިން އިންސައްތައިގައި ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީނަމަވެސް ފެނިގެންދަނީ ރައްޔިތުން މަޖިލީހުން ކުރަންޖެހޭ ކަންކަންވެސް ރައީސް އޮފީހުން ބުނެގެން ކުރާތަން ކަމަށާއި، ރައީސްގެ އެންގެވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ވަޑައިގެން ކަންކަންކުރަންޖެހޭ ގޮތުގެ އިރުޝާދު ދެމުންދާތަކަށް މިހާރު ފެންނަމުންދާ ކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ރިޔާސީ ބަޔާން އިއްވި ދުވަހުވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެތަނުގައި އިންނެވި ކަމަށާއި، މަޖިލިސް ކުރިއަށްދިޔައީ މަޖިލީހުގެ ރައީސްގެ ކޮންޓްރޯލުގެ ދަށުންކަމަށް ޓީވީ ބަލަންތިބި ރައްޔިތުންނަށް ފެނިވަޑައިގަތަސް އެކަން ހިނގައިދިޔައީ އެގޮތަށް ނޫންކަމަށެވެ. އާދިލް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ވަރަށް ބޮޑަށް ފިތިފައި ކަމަށާއި، މުޅި މަޖިލީހުގެ ކޮންޓްރޯލް އައީ ނައިބްރައީސް ނާޒިމްގެ ފަރާތުން ކަމަށެވެ.
އެދުވަހު ފެންނާނެ މަޖިލީހުގެ ރައީސް އެހެން ހައްދަވާ މިހެން ހައްދަވަން ވިދާޅުވާތަން. ސީދާ އެކަން ފެނިގެންދޭ. އަބްދުއްރަހީމް އިންނެވީ ތާއްޓެއްގައި. ދެން ފޯނުވެސް ބައްލަވާތަން ފެނޭ. މެސެޖު ކިޔުއްވާތަންވެސް ފެނޭ. ފޯނު ނަންގަވައިގެން އާދެ އާދެ ކިޔާތަންވެސް ފެނޭ. މި ދައުރުގައި ތިއްބެވީ އެމްޑީޕީގެ 12 މެންބަރުން. އަޅުގަނޑު ޝުކުރުވެރިކަމާއެކު އެ މަދު މެންބަރުންކޮޅު ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތަށް. އެއްވެސް ގޮތަކަށް ހީފުޅުކުރައްވައިގެން ނުވާނެ މިއީ އެއްވެސް ބައެއް ނޫންކަން.ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް![]()
ޕެނަލްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ ހިސާބުން މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހާސްކަން މަޖިލިހުގައި އިއްވަން މައިކެއްދީފައި ފަލަ މުސާރައެއް ދީފައި ތިބޭ އިރު، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 6 މެންބަރުން ފިޔަވައި ދެން ތިބީ ރަބަރު ސްޓޭމްޕް ޖަހާފައި ތިބި މެންބަރުން ކަމަށެވެ.
ސަބާ ވިދާޅުވީ މިހާރު ފެނިގެންދަނީ ހުދުމުހުތާރު މަޖިލީހެއް ކަމަށާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު އެކަމުގައި މެންބަރުން ބެދިފައި ތިބޭއިރު މިނިވަންކަމާއެކު މެންބަރުންނަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ޕީއެންސީގެ މެންބަރުން ބުނަނީ ތިމަންނަ މެންނަށް ނޯވޭ އެއްޗެއް ބުނެވޭކަށް. އެއްޗެއް ކިޔާނަމަ އެ ކިޔަންޖެހޭ ގޮތަށް މެސެޖްއާދޭ. މެސެޖެއް އާދޭ ވަގުތުން ހުއްޓާށޭ މައިތިރިވާށޭ، ތި ބައުންޑަރީ ކްރޮސްވަނީއޭ. މިނިސްޓަރާއެކުވެސް ޑައިރެކްޓް އެޕޮއިންޓްމަންޓެއް ނުހެދޭ. އަދި ބައްދަލުވިޔަސް 30 މިނެޓް ތެރޭގައި ރައީސް އޮފީހަށް ޔައުމިއްޔާވެސް ފޮނުވަންޖެހޭ. އަދި ފޮނުވާއިރުގައި މިނިސްޓަރު ވެސް ކޮމިޓްމެންޓ ނުދޭ ބުނޭ. އެހާވަރަށް ކޮންޓްރޯލް ކުރޭ. ސިދާ ރަސްކަމާއި ދިމާލަށް މިދަނީ.އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ)![]()
ސަބާ ވިދާޅުވީ ތަންތަނުގެ އިސްވެރިންގެ ގޮތުގައިވެސް އައްޔަންކުރަނީ ރިޓަޔަރޑް ބޭފުޅުން ކަމަށާއި، އެއީ ތަންތަނުގެ ކޮންޓްރޯލް ނެގުމަށް ކަމަށެވެ. އަދި އޮފީސްތަކުގެ މުވައްޒަފުންނަށްވެސް އަމިއްލަ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަމެއް ނެތް އިރު، މިއަދު މަޖިލިސް ވެސް ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި ޕީއެންސީގެ މަޖިލީހެއްގެ ގޮތުގައި ކަމަށެވެ.