މާލޭ ސިޓީ ކައުންސިލްގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މާލޭގައި ބިނާކުރާ އާ އިމާރާތުގެ ބިންގާ އެޅުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.
މާލޭ ސިޓީ ކައުންސިލުގެ އޮފީހުގެ އާ އިމާރާތަކީ މުވައްޒަފުން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އާއި އެކު ބިނާކުރާ އޮފީހެކެވެ.
މާލޭ ސިޓީ ކައުންސިލުގެ އައު އޮފީސް އިމާރާތުގެ ބިންގާއެޅުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ އޮފީހެއް ހުރުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އަދި ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
އާޒިމް ވިދާޅުވީ މާލޭ ސީޓި ކައުންސިލްގެ އަމިއްލަ އޮފީސް އިމާރާތެއް ހުރުމަކީ އެ ކައުންސިލުން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އަދި އިތުރަށް ކަންކަން ފަސޭހަވެގެންދާނޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ރައްޔިތަކު ސިޓީ ކައުންސިލަށް ކަމަކު ދާން ޖެހުނަސް، ދާނީ ކޮންތަނަކަށް ކަމެއް މިހާރުގެ ހާލަތަު ހުރި ގޮތުން ނޭނގޭ ކަމަށެވެ.
އާޒިމް ވިދާޅުވީ މިވަގުތު މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ މުވައްޒަފުން ތިބެން ޖެހިފައިވަނީ އެކިތަންތާގައި ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަގޮތަކަށް މިހާރު ދެވިއްޖެ ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެ ހުރިހާ ރަށެއްގައި ވެސް ކައުންސިލްތަކުގެ އަމިއްލަ އޮފީސް އިމާރާތެއް ހުންނަކަމަށެވެ. އަދި އެގޮތަށް އަމިއްލަ އޮފީސް އިމާރާތެއް ނެތީ ހަމަ އެކަނި މާލޭ ސިޓީ ކައުންސިލްގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ހީވާގި ބުރަ މަސައްކަތުން އެ ކައުސިލްގެ އައު އިމާރާތުގެ ބިންގާ އެޅިގެން ހިނގައްޖެ ކަމަށާއި އެއީ މާލެ ސިޓީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ހައްޤުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އިމާރާތެއް ހުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. ކުރެވޭ ބޮޑު އުންމީދެއް. މިއަދު ކައުންސިލްގެ މުވައްޒަފުން ތިބެން ޖެހިފައި މިވަނީ އެކި ތަންތަނުގައި. އެކަމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވޭ. އެހެން ނަމަވެސް އައު އިމާރާތް ނިމި އެތަނުގައި މަސައްކަތް ފެށުމުން މިކަންކަމަށް ހައްލެއް ލިބިގެންދާނެ.މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އަމިއްލަ އޮފީސް އިމާރާތަކާއި ނުލައި މަސައްކަތް ކުރަމުން އަންނަތާ 15 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް ބިންގާ އެޅިގެން ދިއަ އައު އިމާރާތް ކުރިއަށް އޮތް 10 ވަކަށް މަސްދުވަހުގެ ތެރޭގައި ނިމި އެތަނުގައި މަސައްކަތް ކުރަން ފެށޭވަރުވާނޭ ކަމަށެވެ. އަދި މާލޭ ސިޓީ ސައުންސިލްގެ އައު އިމާރާތާއި އެކު އެ ކައުންސިލްގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެން ދާނޭ ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ކައުންސިލްގެ އައު އިމާރާތުގެ ބިންގާ ހޯމަ ދުވަހުގެ ރޭ އެޅިގެން ދިއަ އިރު، ނިމިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ސިޓީ ކައުންސިލްގެ އިމާރާތަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުގެ ގޯތި ގެދޮރާއި ރަށްވެހި ކަމާ ބެހޭ ޚިދުމަތްތައް ދެމުން އަންނަ ސެކްޝަން ހިނގަމުން ދިއައީ އަލިފާނުގެ ހާދިސާ ހިނގި ބްލޮކްގައެވެ. އެއިމާރާތައް ވެސް އަލިފާނުގެ އަސަރުކޮށްފައި ވުމާއެކު މި ހާދިސާގެ ސަބަބުން ސިޓީ ކައުންސިލުގެ ބައެއް ޚިދުމަތްތައް ވަނީ ހުއްޓިފައެވެ.