ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 00:33
މަޖިލިހުގެ ޖަލްސާ އެއް ކުރިއަށް ދަނީ (ފައިލް)
މަޖިލިހުގެ ޖަލްސާ އެއް ކުރިއަށް ދަނީ (ފައިލް)
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޭންގުތައް ހުއްޓުވުމުގެ ބިލުގެ ބަހުސް ހޯމަ ދުވަހު
އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އަދި އޭސީސީ ގެ ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލަ އެޖެންޑާގައި ހިމެނޭ

ގޭންގު ތަކުން ހިންގާ ކުއްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުގެ ބަހުސް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން ހުށަހަޅުއްވާފައިވާ މި ބިލުގެ މަގްސަދުގެ ގޮތުގައި ބުނެފައިވަނީ، އިންތިޒާމު ވެގެން ހިންގާ ކުށްއްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމާއި، އެފަދަ ކުށްތައް ކޮށްގެން ނުހައްގު މުއްސަނދިކަން ހޯދާ ލިބިގަތުން ކުށުގެ ގޮތުގައި ކަނޑައަޅައި އެފަދަ ކުށުގެ އަދަބު ކަނޑައެޅުން ކަމުގައެވެ.

މި ބިލު ހުށަހަޅާއިރު، "ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނޫ" އަށް 05 ސެޕްޓެމްބަރު 2010 އިން ފެށިގެން ރާއްޖޭގައި އަންނަނީ އަމަލު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މި ހުށަހެޅި ބިލުގައި ގޭންގު ކުށްތަކަށާއި ގޭންގު ކުށްތައް ކޮށްގެން ހޯދާ ނުހައްގު މުއްސަނދިކަމާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތައް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ގޭންގު ކުށްތައް ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުން ވެސް ބިލުގައި ވަނީ ހިމެނިފައެވެ.

ބިލުގައި ކުށްކުރުން ހުއްޓުވުމާއި މަދުކުރުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމާއި ތަހުގީގު ތައް ކުރުމަށް ޚާއްސަ ބާރުތަކެއް ފުލުހުންނަށް ވަނީ ދީފައެވެ.

މަޖިލީހުގެ ހޯމަ ދުވަހުގެ އެޖެންޑާގައި ޚަރަދު ކުޑަކުރުމުގެ މަގްސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތައް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް ކޮމިޓީ އަށް ފޮނުވުން ވެސް ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ވެސް އެޖެންޑާގައި ވަނީ ހިމަނާފައެވެ.

އަދި އެންޓި ކަރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް އައްޔަން ކުރުމަށްޓަކައި ރައީސް ފޮނުއްވާފައިވާ މައްސަލަ ވެސް ހޯމަ ދުވަހުގެ ޖަލްސާ އަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އަށާއި އެންޓި ކަރަޕްޝަން ކޮމިޝަންގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިގެން 20 ވަނަ މަޖިލީހުން ގެނައި ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ މި ދެ މުއައްސަސާގެ އެންމެ އިސް ވެރިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ގޮތައް ގާނޫނަށް ބަދަލު ގެނައި ފަހުން އެ ދެ މުއައްސާގެ ވެރިން ހަމަޖެއްސުމަށް ފަހު މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ މިއީ ފުރަތަމަ ފަހަރެވެ.

- ކޮމެންޓް