ވަޅޯ މަސް މާރުކޭޓު ހުސްކުރަން އެންގުމުން، އެ ތަނުގައި ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
މާރުކޭޓު ހުސް ކުރަން ނިންމާފައި ވަނީ، އެ ސަރަހައްދު އިތުރަށް ތަރައްޤީ ކުރުމަށެވެ. އަދި އެ ސަރަހައްދުގައި ގޮޅި ހަދައިގެން ތަރުކާރީ އަދި މޭވާ ވިއްކާ ފަރާތްތަކަށް އެހެން ސަރަހައްދަކުން ވަގުތީ ގޮޅިތަކެއް ދޫކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެ އެވެ. ނަމަވެސް ވަގުތީ ގޮޅިތައް ދޫކުރާ ސަރަަހައްދުން ވަޅޯ މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކަށް ގޮޅި ދޫނުކުރާ ކަމުގެ މައުލޫމާތު ވެސް ލިބެ އެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ވަޅޯ މަސް މާރުކޭޓުގައި މަސް ވިއްކާ ވިޔަފާރިވެރިއަކު ބުނީ، އެ ތަނުގައި ގޮޅި ނަގައިގެން މަސް ވިއްކަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އެ ތަނުގައި ވިޔަފާރި ކުރަމުން އަންނަނީ މުވައްޒަފުން ވަޒީފާ އަށް ނަގައިގެން ކަމަށާއި، ސަރުކާރަށް ދައްކަން ޖެހޭ ފީ ވެސް ދައްކައިގެން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުއްލި އަކަށް އެ މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އެ ތަނުގައި މަސައްކަތް ކުރަނީ ދިވެހި މުވައްޒަފުން ކަމަށް ވެސް އޭނާ ފާހަަގަ ކުރި އެވެ.
މާރުކޭޓު ތަރައްޤީ ކުރުމަށް ހޭދަވާ މުއްދަތުގައި، ވަޅޯ މަސް މާރުކޭޓު ހިންގާ ފަރާތްތަަކަށް އެހެން ސަރަހައްދެއް ނުދައްކައި، މާރުކޭޓު ތަރައްޤީ ކުރުމަށް ފަހު އަލުން އެ ސަރަހައްދުން ގޮޅު ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެއީ އެ ސަރަހައްދުގައި ވަޅޯ މަސް މާރުކޭޓު ހިންގާ ފަރާތްތަކުން އެއްވެސް ވަރަކަށް ބަލައި ގަންނާނެ ކަމެއް ނޫން ކަމަށާއި، ކާންބޯން ކުރާ މަސައްކަތް ހުއްޓާލައިގެން ތިބުން ވާނީ ވެސް ވަރަށް ބޮޑު ދައްޗަކަށް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މާރުކޭޓު ތަރައްޤީ ކުރާ މުއްދަތުގައި އެ ފަރާތްތަކަށް ވެސް ބަދަލުގައި އެހެން ސަރަހައްދެއް ދައްކައި ދިނުން އެދޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
މާރުކޭޓު ހަދަން ވެގެން މިދާ މުއްދަތުގައި އަޅުގަނޑުމެންނަށް ތަނެއް ނުދައްކާ ގޮތަށް، އެމީހުން ހަދާ ނިންމާފައި ދޭ ވާހަކަ މި ދައްކަނީ. އެހެންވީމާ އެއީކީ އަޅުގަނޑުމެންނަށް ބަލައި ގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތްވީމާ، އެއްގޮތަކަށް މަސައްކަތް ހުއްޓާލައިގެން ނުތިބެވޭނެ. ކުރިއަަށް މި އަންނަނީ ރޯދަ މަސް. އެހެންވީމާ އަޅުގަނޑުމެން ބޭނުން ވަނީ، އަޅުގަނޑުމެންނަށް ވެސް އެ މީހުން އެ ހަދާ މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތަނެއް ދެއްކުން، މަސައްކަތް ކުރާނެ. އެހެން ނޫނީ އަޅުގަނޑުމެންނަށް ޖެހޭނީ މަގު މައްޗަށް ނިކުމެ، މަގު މަތީގައި މިކަން ކުރަން އުޅެން. އެކަމަށް އެއްވެސް އުސޫލެއް ނޯންނާނެ. އެގޮތަށް ހަމައެއް ލަމައެއް ނެތި ކުރާކަށް ބޭނުމެއް ނޫން،ވަޅޯ މަސް މާރުކޭޓުގައި ވިޔަފާރި ކުރާ މީހެއް![]()
އެެހެންކަމުން މާރުކޭޓު ތަރައްޤީ ކުރަން އެ ހޭދަވާ މުއްދަތުގައި ވެސް، ވަޅޯ މަސް މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކަށް ވެސް މަސައްކަތް ކުރެވޭ އިންތިޒާމެއް ހަމަޖައްސައި ދިނުން އާދޭހާ އެކު އެދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ލޯކަލް މާރުކޭޭޓާ ޚިލާފަށް، ވަޅޯ މަސް މާރުކޭޓު ވަރަށް ތަފަތުވާނެ ކަމަށެވެ. އެގޮތުން މާލޭގެ ފިހާރަތަކުން ތަރުކާރީ އާއި މޭވާ ގަންނަން ލިބުނު ނަމަވެސް، ގިނަ ފިހާރަތަކުން ވަޅޯ މަސް ގަންނަން ލިބުން ދަތިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލަން ޖެހިއްޖެ ނަމަ، ގިނަ ބަޔަކަށް ދަތިވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މާރުކޭޓު ތަރައްޤީ ކުރުމަށް އެ ސަރަހައްދު ބަންދު ކުރާއިރު، ބަދަލުގައި ގޮޅިތައް ހަމަޖައްސައި ދެނީ ލޯކަލް މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކާ ފަރާތްތަކަށް އެކަނި ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެ ސަރައްހަދުގައި ވަޅޯ މަސް ވިއްކާ ފަރާތްތަކާއި، އެ ސަރަހައްދުގައި އިކެލްޓްރޯނިކް ސާމާނު ވިއްކާ ފާރާތްތަކަަށް ވަކި ގޮތެއް ހަމަޖެހިފައި ނެތް ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މީޣެ އިތުރުން އޭނާ ބުނީ ރަސްމީކޮށް އެކަމުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލު ކުރާނެ ކަމަށެވެ. އަދި އެކަމުގައި ވަޅޯ މަސް މާރުކޭޓު ހިންގާ ފަރާތްތަކަށް ވެސް ފަސޭހަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.