ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 22:06
ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަނުގެ ތެރެއިން. ފޮޓޯ: އިލެކްޝަން ކޮމިޝަން
ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަނުގެ ތެރެއިން. ފޮޓޯ: އިލެކްޝަން ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ބައި-އިލެކްޝަން
ޕީއެންސީ ކެނޑިޑޭޓް ބަލިކޮށް ހުޅުދެލީ ގޮނޑި އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓަށް
ހުޅުދެއްޔަކީ ނިމިގެން ދިޔަ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީއެންސީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ރަށެއް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގައި ދ. ހުޅުދެލީ ގޮނޑި އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓް ފާތިމަތު ރިސާލާ ކާމިޔާބުކޮށްފިއެވެ.

ހުޅުދެލީ ގޮނޑިއަށް ވާދަކުރީ ޖުމުލަ ދެ ކެންޑިދެޓުންނެވެ. އެއީ ސަރުކާރު ޕާޓީ ޕީއެންސީ ކެނޑިޑޭޓް ފަރުޝާނާ އިސްމާއީލް އާއި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓް ފާތިމަތު ރިސާލާއެވެ.

ހުޅުދެލީ އަންހެނުންގެ ކޮމިޓީއަށް ބޭފުޅަކު އިންތިޚާބު ކުރަން ވޯޓު ލުމަށް ދެ ސަރަހައްދެއްގައި ދެ ވޯޓު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ދ.ހުޅުދެލީގަ އާއި މާލޭގައެވެ. މި ދެ ފޮށްޓަށް ޖުމުލަ 489 ފަރާތަކުން ވަނީ ވޯޓު ލާފައެވެ. އޭތެރެއިން 18 ވޯޓެއް ބާތިލް ވިއިރު، ސައްހަ ވޯޓުގެ އަދަދަކީ 471 އެވެ.

ހުޅުދެލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ސަރުކާރު ޕާޓީން ވާދަކުރި ފަރުޝާނާ ކަޓުވާލައި އަމިއްލަ ގޮތުން ވާދަކުރި ރިސާލާ އިންތިޚާބުވި 259 ވޯޓު ލިބިގެންނެވެ. ފަރުޝާނާއަށް ލިބުނީ 201 ވޯޓެވެ. އެއީ އިންތިޚާބީ ކެނޑިޑޭޓް ރިސާލާ އަށް ވުރެ 47 ވޯޓު މަދު އަދަދެކެވެ.

ހުޅުދެއްޔަކީ ނިމިގެން ދިޔަ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީއެންސީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ރަށެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހުޅުދެލިން ޕީއެންސީއަށް އޮތް ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން މި ނަތީޖާއިން ވެސް ސާފެވެ.

އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުގެ 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައެވެ. އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި ލިބުނުއިރު، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ވަނީ ލިބިފައެވެ.

ނ.ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ.ގަމު، ގއ.ކަނޑުހުޅުދޫ، ހދ.ހިރިމަރަދޫ، ތ.ބުރުނީ، ބ.ގޮއިދޫ، ރ.އިންނަމާދޫ އަދި ނ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތައްވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.

އަދި އދ.ހަންޏާމީދޫ އާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވަނީ އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުން ކާމިޔާބުކޮށްފައެވެ.

މިފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ޖުމްލަ 33 ގޮނޑިއަކަށްވަނީ ހުޅުވާލާފައެވެ. ނަމަވެސް މީގެތެރެއިން 21 ގޮނޑިއަށް އެންމެ ކެނޑިޑޭޓަކު ވާދަކުރުމާއި ގުޅިގެން އެކެނޑިޑޭޓުންވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބު ބާއްވާފައިވަނީ 12 ރަށެއްގައެވެ. އެއީ 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.

އިންތިޚާބުގެ ގިނަ ގޮނޑި ސަރުކާރު ހިންގާ ޕާޓީ އަށް ލިބުނު އިރު، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުމާއި ފައިސާ އާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ބޭނުން ކުރި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

- ކޮމެންޓް