ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 18:56
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި
ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
މިއީ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކަމަށް ކަނޑައަޅަން ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އެމްޑީޕީ އިން ބުނޭ
ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރުން ރުހޭ ބަޔަކު ފަނޑިޔާރު ކަމަށް އިސްކުރަން، އޭގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް ހިމެނޭ ކަމަށް އެމްޑީޕީ އިން ބުނެފައިވޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުމަށް ސަރުކާރުން މަސައްކަތް ކުރާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށެވެ.

"ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ފާހަގަ ކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ވަނީ ރާވާފައެވެ. އަދި ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައިވަނީ، ޖުޑީޝަރީ އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"ވީމާ، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ."

އެމްޑީޕީ އިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި މި ޕާޓީ ދެމިއޮންނާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހިރައްޔިތުންނަށް އަރުވާ ކަމަށެވެ.

- ކޮމެންޓް