ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޅުވެތިކަން ދެމެހެއްޓުމަށް ކަމަށް، ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ފިއްޓޭ މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ނިންމި މައްސަލައިގެ ރިޕޯޓަަށް ބަހުސް ކުރައްވަމުންނެވެ.
އަންގާރަ ދުވަހު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، މިހާރު ސުޕްރީމް ކޯޓަށް ބަދަލު ގެންނަ ގޮތުން ރާއްޖޭގައި އިންސާފު ޤާއިމު ވެގެން ނުދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އާންމު ގޮތެއްގައި ބެދޭ މަޅި ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް، މިއީ ފެނިގެން ބެދޭ ފުރަތަމަ މަޅިއަށް ވެދާނެ ކަމަށް ވެސް ފިއްޓޭ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ފިއްޓޭ ވިދާޅުވީ މިއަދު ދުއްވާލަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު ކަމަަށާއި، އެއީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓު ބަދަލު ކުރުމުގެ ބޭނުމަކީ ވަކި ކަމެއް ކުރުން ކަމަށް ވެސް ފިއްޓޭ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޅުވެތިކަން ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ފިއްޓޭ ވިދާޅުވި އެވެ.
އާންމު އުސޫލެއްގައި ބެދޭ މަޅިއެއް ނުފެންނާނެ. މިއީ ވެދާނެ ހަމައެކަނި ފެނިގެން ބެދޭ ފުރަތަމަ މަޅިއަށް ވެސް. އަޅުގަނޑުމެން މި ދުއްވާލަނީ ރާއްޖޭގައި އޮތް ސުޕްރީމް ކޯޓު. އެންމެ މަތީ ކޯޓު. އެ މަތީ ކޯޓު ބަދަލު އަޅުގަނޑުމެން މި ކުރަނީ ވަކި ކަމެއް ކުރަން ވެގެން. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޅުވެތިކަން ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެއް، މިކަމަކީ. އެއީ މި މައްސަލަ މިހާރު ވެސް ދުސްތޫރީ މައްސަލައެއްްގެ ގޮތުގައި ސުޕްރީމް ކޯޓުގައި އޮއްވައި، މިކަން ބަދަލު ކުރީމަ.
ޙުސެއިން ޒިޔާދު (ފިއްޓޭ) / ވައިކަރަދޫ ދާއިރާގެ މެމްބަރު![]()
މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ސުޕްރީމް ކޯޓަށް މިހެން ބަދަލި ގެނައުމުގެ ނަތީޖާ އަކަަށް ވާނީ، ރާއްޖޭގައި ދެން ވެރިކަން ކުރާނީ އެއް ބާރުން ކަމަށެވެ. އެއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ދަށުން ޤައުމު ހިންގުން ނިމޭ ނިމުން ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްލި ގޮތަކަށް ސަރުކާރުން ބޭނުން ވެގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރީ، ޤާނޫނު އަސާސީ އަށް ގެނައި އިސްލާޙު ބާތިލު ކުރުމަށް އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އެއީ ސިޔާސީ ޕާޓީ އަކުން ބޭނުން ވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި ބަދަލެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ އެކު، ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކި ކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށެވެ.