ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 20:05
ގއ. ވިލިނގީލީގައި ރައްޔިތުން ކުރިއަށް ގެންދިއަ ސުލްހަވެރި އިހުތިޖާޖްގެ ތެރެއިން
ގއ. ވިލިނގީލީގައި ރައްޔިތުން ކުރިއަށް ގެންދިއަ ސުލްހަވެރި އިހުތިޖާޖްގެ ތެރެއިން
ރާއްޖެއެމްވީ
ވިލިނގިލީ އިހުތިޖާޖް
އަތޮޅު ތެރޭގެ ސިއްހީ ހާލަތު އިންތިހާ އަށް ދަށްވެ، މީހުންގެ ފުރާނަ އަށް ނުރައްކާ ވަމުންދާތީ ގއ. ވިލިނގިލީ ރައްޔިތުން އިހުތިޖާޖުކޮށްފި
ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރަނގަޅު ޑޮކްޓަރުން ގެނެސް، ގއ. އަތޮޅުގެ އާ ހޮސްޕިޓަލުގެ މަޝްރޫއު އަވަސް ކުރުމުގެ އިތުރުން ހޮސްޕިޓަލުގައި އެންއައިސީޔޫއެއް ގާއިމު ކުރަން ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލައިފަވޭ

ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅެނިކޮށް ދެ މައިން ވެސް ނިޔާވި މައްސަލައިގައި އިންސާފު ހޯދައި ދިނުމަށް އެދި އެ ރަށުގައި އިހުތިޖާޖު ކޮށްފި އެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިން އެ އިހުތިޖާޖު ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއި އެކު ކުރިއަށް ދިއަ މި އިހުތިޖާޖުގައި ބައިވެރިން ވަނީ އެމީޙުންގެ ކަންބޮޑުވުންތަކުގެ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތަކާ އެކު މަގުތަކުގައި ހިނގާލުންބާއްވާފައެވެ.

އެގޮތުން ކަޅު ހެދުމުގައި ތިބި އިހުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދިޔައީ އިހުމާލުން ނިޔާވި ދެމައިންގެ މަރުގެ ތަހުގީގު ވީހާ ވެސް އަވަސްކޮށް، އިންސާފު ހޯދައި ދިނުމަށާއި އާސަންދަ އަވަސްކޮށްދިނުމަށެވެ.

މީގެއިތުރުން އެ ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރަނގަޅު ޑޮކްޓަރުން ގެނެސް، ގއ. އަތޮޅުގެ އާ ހޮސްޕިޓަލުގެ މަޝްރޫއު އަވަސް ކުރުމުގެ އިތުރުން ހޮސްޕިޓަލުގައި އެންއައިސީޔޫއެއް ގާއިމު ކުރަން ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

އަހަރެމެން ބޭނުންވަނީ ދެމައިންގެ މަރުގެ އިންސާފު. އެކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، ފިޔަވަޅުތައް އަޅާ. ހޮސްޕިޓަލުގެ ސިއްޚީ ޚިދުމަތްތައް ރަނގަޅުކޮށްދެއްވާ. މިއީކީ އަހަރެމެންނަށް ހައްޤުވާ މިންވަރެއް ނޫން. އާސަންދަ އަވަސްކޮށްދެއްވާ.
އިހުތިޖާޖުގެ ބައިވެރިއެއް

މީގެ އިތުރުން އެ އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކުގެ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތަކުގައި، ޝިއުނާގެ މަރު ކުއްވެރިކުރަން، މަރުހޫމާ ޝިއުނާގެ މަރުގެ ތަހުގީގު އަވްްސްކުރޭ، މޯލްޑިވިއަންނަށް ލިބޭ ފައިދާއަށްވުރެ ރައްޔިތުންގެ ފުރާނަ މުހިންމު، ކުޑަކުދިންގެ އެންއައިސީޔޫ ކޮބާ، ރަށުހެ ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ރަށުގެ ހުރިހާ ކަމެއް މުރާޖައާކޮށް، ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ފަދަ ޝިއާރުތައް ލިޔެފައި ވެއެވެ.

ޝިއުނާގެ މަރު މަ ކުއްވެރިކުރަން. މަރުހޫމާ ޝިއުނާގެ މަރުގެ ތަހުގީގު އަވަސްކުރޭ. މޯލްޑިވިއަންނަށް ލިބޭ ފައިދާއަށްވުރެ ރައްޔިތުންގެ ފުރާނަ މުހިންމު. ކުޑަކުދިންގެ އެންއައިސީޔޫ ކޮބާ؟. ރަށުހެ ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ރަށުގެ ހިރުހީކަމެއް މުރާޖައާކޮށް، ބޮޑެތި އިސްލާހުތަކެއް ގެނެސްގެން.
ވިލިނގިލި އިހުތިޖާޖުގެ ބައިވެރިއެއްގެ ޝުޢޫރުތައް

އުމުރުން 35 އަހަރުގެ ޝިއުނާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހު ރޭގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެންނެވެ. އޭގެ ފަހުން އޭނާގެ ހާލު ރަނގަޅުނުވެގެން ސިޒޭރިއަން ހަދައި އަށް މަހުގައި ދަރިފުޅު ނެގީ ބުދަ ދުވަހު ހަވީރުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސިޒޭރިއަން ހަދައި ބަނޑުގައި އޮތް ދަރިފުޅު ނެގި ފަހުން ވެސް ޝިއުނާގެ ހާލު ރަނގަޅުނުވެގެން، ޑޮކްޓަރުންގެ ލަފަޔާއި އެކު، މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ޝިއުނާ ނިޔާވީ އެރޭ ދަންވަރު ކޫއްޑޫ އެއާޕޯޓުގަ އެވެ. އަދި ދަރިފުޅު ނިޔާވީ މާލެ ގެންދަން އެރުވި މަތިންދާބޯޓުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޝިއުނާގެ ދެމައިން ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީއިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުން ބުނެ އެވެ.

- ކޮމެންޓް