ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރެވޭ ލިފްޓްތައް އެއް އަހަރު ތެރޭގައި ނިންމާނެކަމަށް ބުނި ނަމަވެސް، މަސައްކަތް ދިގުލައި، އެ މަސައްކަތަށް ގެނެސްފައިވާ ދަނގަނޑުގެ ބައިތައް މަގުމަތީގައި ހުރެ ދަބަރަށް ވެއްޖެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށްވާއިރު، މަސައްކަތް ލަސްވަމުން ދިއުމާ، ލިފްޓްތަކުގެ ބައިތައް ރައްކާތެރިކަމާއެކު ނުބެލެހެއްޓުމުގެ ސަބަބުން ދަބަރުޖެހުމުގެ މައްސަލަ ކުރިމަތިވަމުންދާކަން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މި ނޫހަށް ވަނީ ކިޔާއިދީފައެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީން ވަނީ އެ ސަރަހައްދަށް ޒިޔާރާތްކޮށް ހިޔާ ފްލެޓްގެ ލިފްޓަށް ގެނެސްފައިވާ ބައިތައް ބަހައްޓާފައިވާ ސަރަހައްދުތައް ބަލާފައެވެ. ރާއްޖެޓީވީގެ ޓީމަށް ފާހަގަކުރެވިފައިވާ ގޮތުން ކޮންމެ ޓަވަރެއްގެ ކުރިމަތީގައި ވެސް ލިފްޓު ހެދުމަށް ގެނެސްފައިވާ ސާމާނުތައް ހާމައަށް ވަނީ ދޫކޮށްލެވިފައެވެ. އަދި މިހެން ހުރި ގިނަ ދަނގަޑުތަކުގައި ހުރި ދަބަރު ޖަހާފައެވެ.
އެ ސަރަހައްދުން ނިއުސްޓީމަށް ބައްދަލުވި ބައެއް ފަރާތްތަކުން ކަންބޮޑުވުމުން ފާޅު ކުރަމުން ދެއްކި ވާހަކަތަކުގެ ތެރޭގައި، މަސައްކަތް ލަސްވުމާއި، ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނި ސްޕީޑާ ގާތަށް ވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުންޏެވެ. އޭގެ އިތުރުން އަތްވާ ވާރޭގައި ތަކެތި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ތަކެތީގައި ދަބަރު ޖަހާފައިވާ ކަން ވެސް ވަނީ ފާހަގަ ކޮށްފައެެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 32 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢަށް 18 މިލިއަން އެމެރިކާ ޑޮލަރު (278 މިލިއަން ރުފިޔާ) ޚަރަދުވާ ކަމަށް އޭރުގެ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅެކެވެ.
ލިފްޓް ހަރުކުރުމުގެ މަޝްރޫޢު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ހަރުކުރާ ލިފްޓްތަކުގެ ތެރޭގައި ސްޓްރެޗަރ އުފުލޭވަރުގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓްތައް ހިމެނެއެވެ.