ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކެއްގެ ވޯޓުލުން ފަށައިފިއެވެ.
ހޮނިހިރު ދުވަހު ކުރިއަށް ދަނީ ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަނެވެ.
މީގެ އިތުރުން ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00ގައި ފެށިގެން ކުރިއަށްދާ ކަމަށާއި، ހޮނިހިރު ދުވަހުގެ ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
އީސީން ބުނީ ވޯޓުލެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، ވޯޓުލާ މަރުކަޒުގައި ކޮމިޝަންގެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާފަންނު ސްކޫލުގައެވެ. އަދި ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ.
މި އިންތިޚާބުތަކުގައި 11325 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.
ހުސްވާ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލު ކުރަން ވަނީ ފަށާފައެވެ. އެހެންކަމުން ގާނޫނަށް ގެނައި އިސްލާހާ އެކު އީސީން ބައި-އިލެކްޝަންތައް މިހާރު ބާއްވަނީ އަހަރަކު ދެ ފަހަރު އެވެ.