ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ މުޅިންވެސް މަކަރާއި އޮޅުވާލުމާއި، ދޮގުހެއްދެވުމުގައި އަރާހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެނެވުނީތީ މިއަދު ދިވެހިންގެ ގިނަ ބަޔަކު ހިތާމަކުރަމުން ގެންދާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތް ގޮތުން މުޅި ގައުމުގެ ރައްޔިތުންދަނީ ހިތާމަކުރަމުން ކަމަށެވެ.
ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިޝާރާތްކުރައްވާ މައުރޫފް ވިދާޅުވީ، ރައީސް ގެ އެބަޔާން އަޑުއިވިފަ ހަނދާނަށް އައީ ކުޑައިރު، އެދުރުގެ އަށް ޤުރުއާން ކިޔަވަން ދިޔައިރު އަޑު އިވުނު ކޮރު އިނބިލީހެއްގެ ވާހަކަ ކަމަށާއި އެ ވާހަކައިގައި ކޮރު އިބިލީސް ބަޔަކު ލައްވާ ދޮގުހައްދައި، ނަމާދަށް ދިއަ މީހަކު ހުއްޓުވިކަމަށް ބުނާ ވާހަކައިގެ ހަނދާނަށް އައި ކަމަށެވެ. އަދި ހަމަ އެބީދައިން ރައީސް މުއިއްޒު، ބިސްމި ވިދާޅުވެ، ހަމްދުޞަލަވާތް ވިދާޅުވެ، ދެގަޑިއިރު ވަންދެން ހުސް ދޮގުހެއްދެވުމަކީ ކޮރު އިނބިލީސް ވެސް އިންތިހާއަށް އުފާވާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ އެ ބަޔާން ވެގެން ދިޔައީ ކޮރު އިބިލީހުގެ މި ވާހަކައިގައި ކަން ވީގޮތަށް ކަންވެސް މައުރޫފް ފާހަކަ ކުރެއްވިއެވެ.
އަޅުގަނޑުމެން މިއަދު ދައްކަން އޮތް ވާހަކަ އަކީ ރިޔާސީ ބުހުތާނުގެ ވާހަކަ. އަޅުގަނޑުގެ ކުރިން ބުހުތާނުގެ ވާހަކަ ވަރަށް ރަނގަޅަށް ޕޯޑިއަމުގައި ހުރިހާ ބޭފުޅުންވެސް ދައްކައިފި. އަޅުގަނޑު މިއަދު ވަރަށް ދެރަވި، އަޅުގަނޑު ހަނދާނަށް އައީ ކުޑައިރު، އެދުރުގެއަށް ޤުރުއާން ކިޔަވަން ދިޔައީމާ ދައްކާ ވާހަކައެއް، ކޮރު އިބިލީހުގެ ވާހަކަ. ކޮރު އިބިލީސް އެންމެ މޮޅު ކަމަކަށް ކުރީ ކޮންކަމެއްތޯ އަހާލީމާ، ބަޔަކު ލައްވައި ދޮގުހެދި ވާހަކަޔާ، މިސްކިތަށް ނަމާދަށް ދިއަ މީހަކު ހުއްޓުވި ވާހަކައާއި މި ޒާތްޒާތުގެ ވާހަކަ. އަޅުގަނޑު ހިތައް އެރީ މިއަދު ގައުމެއްގެ ވަލިއްޔުލްއަމްރު އައޫޒުބިސްމިނުން ފައްޓާފައި ހަމްދުސަލަވާތް އަޅާފައި ދެ ގަޑިއިރު ވަންދެން ދޮގު ހަދާލީމާ މިއަދު ކޮރު އިބިލީސް ހާދަހާ އުފާވާނެޔޭ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު![]()
ރައީސް މުއިއްޒު ކެނޑިނޭޅި ދޮގުހައްދަވަމުން ގެންދަވާކަން އެނގޭއިރުވެސް، ގައުމުގެ ރައްޔިތުން އެ ވާހަކަތައް ޤަބޫލުކުރަނީތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަވައި މައުރޫފް ވިދާޅުވީ މަގުމަތިން ދިމާވާ ގިނަ މީޙުން ރައީސް މުއިއްޒު ހައްދަވަނީ ދޮގުމަކަށް ބުނަމުން އަންނަކަމަށެވެ. އަދި މި ވެރިކަން ބަދަލުކޮށް ރައީސް މުއިއްޒު ވެރިކަމުން ބާލައިދިނުމަށް ވެސް ގިނަ ރައްޔިތުން އެދެމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ގައުމު ފުނޑި ހާލުގައި ޖެހިއްޖެ ކަމަށް ރައްޔިތުން އަމިއްލައަށް ބުނަމުން ގެންދާކަމަށާއި އެކަމުން އެނގިގެން ދަނީ މި ސަރުކާރުގެ ވަރަށް ބޮޑު ގޯހެއް އުޅޭކަން ކަމަށެވެ. އެހެން ކަމުން މި ސަރުކާރުން ހަދާހައި ގޯހެއް ހަދަން ފުރުސަތު ނުދެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސް މުއިއްޒަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުން މިހާރު ހެދުނު ގޯސް ހަނދުމަފުޅުވެގެން ހިތާމަކުރައްވަމުން ގެންދަވާކަމަށެވެ.
ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ ވެސް ހުސް ދޮގުކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިޤްބާލަށް ވެސް ރައްޔިތުން ނުނިކުތުމަށާއި އަދި ވާހަކަ ދައްކަވާތަން ޓީވީން ފެންނަ ނަމަ ޓީވީވެސް ނިއްވާލެއްވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.