ޓްރަމްޕް ސަރުކާރުން އީރާން އާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާގެ އަދަބުތައް އަމާޒު ކުރަނީ އީރާނުގެ 'ތެލުގެ ވިއުގަ' އަށް ކަމަށާއި، ތެހެރާން އާ ދެކޮޅަށް 'އެންމެ މަތީ ޕްރެޝަރ' ދެއްވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ޓްރެޜަރީން ބުރާސްފަތި ދުވަހު އިއުލާނު ކުރި ދަތި ކުރުމުގެ މި ފިޔަވަޅުތައް އަމާޒު ކުރެވިފައި ވަނީ އެމެރިކާ އިން ކުރިން ދަތިތައް ކުރިމަތި ކޮށްފައިވާ ކުންފުނިތަކާ ގުޅުންހުރި ކުންފުނިތަކާއި، އުޅަނދުތަކާއި އަދި ފަރުދުންނަށެވެ.
ކުރީގެ ރައީސް ޖޯ ބައިޑެންގެ ދައުރުގައި، އެމެރިކާ އިން ބޮޑަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައީ ކުރިން ކުރިމަތި ކޮށްފައިވާ ދަތިތައް ތަންފީޒުކުރުމަށެވެ.
"އީރާނުގެ ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އެ ޤައުމުގެ ތެލުގެ އާމްދަނީ ބޭނުން ކޮށްގެން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ތަރައްޤީކުރުމަށާއި، ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި ޕައިލެޓުންނާ ނުލާ އުދުހޭ އުޅަނދުތައް އުފެއްދުމަށާއި، އަދި ސަރަޙައްދުގައި ޓެރަރިސްޓް ޕްރޮކްސީ ގްރޫޕްތަކަށް އެހީތެރިވުމަށެވެ،" ޓްރެޜަރީގެ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބަޔާނެއްގައި ބުނެފައިވެއެވެ.
"އެމެރިކާ ވަނީ މި ނުބައި ޙަރަކާތްތަކަށް ފައިސާ ހޯދުމަށް އީރާނުން ކުރާ ކޮންމެ މަސައްކަތަކަށް ވަރުގަދަ އަށް އަމާޒު ކުރުމަށް ވަޢުދުވެފައެވެ."
އީރާނުން ވަނީ އެ ޤައުމުގެ ތެލުގެ ދާއިރާއާ ދެކޮޅަށް ކުރިމަތިކުރާ ދަތިތަކާއި އެ ޤައުމުން އެކްސްޕޯޓު ކުރާ ތެޔޮ އަތުލައިގަތުމުގެ މަސައްކަތްތަކަކީ "ވައްކަމެއް" ކަމަށް ބުނެ އެފަދަ ކަންކަން ކުށްވެރިކޮށްފައެވެ.
ޓްރެޜަރީން ބުނެފައިވާ ގޮތުގައި މި ދަތިތަކުގެ ތެރޭގައި "ގިނަ ޤައުމުތަކުގެ ކުންފުނިތަކާއި ފަރުދުން" ހިމެނެއެވެ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ އިހްތިސާސް ހިމެނެއެވެ.
ބުރާސްފަތި ދުވަހުގެ މި ފިޔަވަޅު އަޅާފައިވަނީ އީރާނާ ދެކޮޅަށް ޓްރަމްޕްގެ "ޕްރެޝަރ ކެމްޕޭން" އަލުން ފެށުމަށް އެގްޒެކެޓިވް އޯޑަރުގައި ސޮއިކުރެއްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ގައި ތެހެރާނާއެކު ގިނަ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުން ކަމުގައިވާ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އިން އެމެރިކާ ނުކުތުމަށްފަހު މި ކެމްޕޭން ވަނީ ފަށާފައެވެ.
މި އެއްބަސްވުން ވެފައިވަނީ 2015 ގައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހަނިކުރަން އެއްބަސްވުމުގެ ބަދަލުގައި އެ ޤައުމުގެ އިޤްތިޞާދާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ބައިނަލްއަޤްވާމީ ދަތިތައް ނައްތާލުމަށް ހަމަޖެހިފައިވެއެވެ.
ބައިޑެން މަސައްކަތް ކުރެއްވީ މި އެއްބަސްވުން އަލުން އާ ކުރުމަށެވެ. ނަމަވެސް އީރާނާ އެކު ނުސީދާ ކޮށް ކުރެވުނު ގިނަ ބުރުތަކެއްގެ މަޝްވަރާ ތަކުން އޭނާގެ މަޤްޞަދު ޙާޞިލުވެފައެއް ނުވެއެވެ. އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ޑިޕްލޮމެޓިކް ގޮތުން ކުރަމުން ދިޔަ މި މަސައްކަތްތައް ހުއްޓުމަކަށް އައެވެ.
ބައިޑްން ސަރުކާރުން ފަހުން އީރާނާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ދަތިތައް ދެމެހެއްޓުމާއެކު، ތެހެރާނާ ދެކޮޅަށް އިތުރު އަދަބުތައް ކަނޑައެޅިއެވެ.
ނަމަވެސް ރިޕަބްލިކަނުން ބައިޑެންގެ މައްޗަށް ތުހުމަތުކުރީ އީރާނާ ދެކޮޅަށް ކުރިމަތިކޮށްފައިވާ ދަތިތައް ރަނގަޅަށް ތަންފީޒު ނުކުރާ ކަމަށާއި އަދި އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވުމަށް މަސައްކަތްނުކުރާ ކަމަށެވެ.
މި ހަފުތާގައި ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރުގައި އެމެރިކާގެ އޮފިޝަލުންނަށް އަންގާފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން މުރާޖަޢާކޮށް ހަރުކަށިކުރުމަށެވެ. މިގޮތުން "އީރާނުގެ ތެލުގެ އެކްސްޕޯޓް ސުމަކަށް ގެނައުމަށް" އަންގާފައިވެއެވެ. ބުރާސްފަތި ދުވަހު ޓްރެޜަރީން އެޅި ފިޔަވަޅުތަކަކީ މި ނިންމުމަށް އިޖާބަ ދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.