އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވައިފިއެވެ.
އަދި އެ ކޯޓުން "އެމެރިކާ އާއި އެގައުމުގެ ގާތް އެކުވެރި އިސްރާއީލަށް އަމާޒުކޮށް ޤާނޫނީ ގޮތުން ބާތިލް އަދި އަސާސެއް ނެތް ޢަމަލުތަކެއް" ހިންގާ ކަމަށް އެމެރިކާގެ ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ފިޔަވަޅުގެ ދަށުން، އައިސީސީ އިން އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ އެކުވެރިންގެ މައްޗަށް ކުރާ ތަހުގީގު ތަކަށް އެހީތެރިވާ ފަރުދުންނާއި އެމީހުންގެ އާއިލާތަކުގެ މައްޗަށް މާލީ އަދި ވިސާ އާ ގުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެއެވެ.
ޓްރަމްޕް މި އަމުރުގައި ސޮއި ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންގްޓަނަށް ޒިޔާރަތް ކުރައްވާފައި ވަނިކޮށްނެވެ.
ފާއިތުވި ނޮވެމްބަރު މަހު، އައިސީސީ އިން ވަނީ ޣައްޒާގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ކުށްތަކަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އިސްރާއީލުން މި ތުހުމަތުތައް ދޮގުކުރެއެވެ. އައިސީސީ އިން ވަނީ ހަމާސްގެ ކޮމާންޑަރެއްގެ މައްޗަށްވެސް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.
ބުރާސްފަތި ދުވަހު ނެރުނު ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރުގައި ބުނެފައިވަނީ އައިސީސީ ގެ އެންމެ ފަހުގެ ޢަމަލުތަކުން "ނުރައްކާތެރި މިސާލެއް" ދައްކުވައިދީފައިވާ ކަމަށާއި، އެމެރިކާގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން "ފުރައްސާރަ އާއި އަނިޔާ އާއި ހައްޔަރު ކުރުމުގެ" ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި ނުބައި ޢަމަލުތަކުން އެމެރިކާގެ ސިޔާދަތަށް އަރައިގަތުމުގެ ނުރައްކާ އޮތްކަމާއި، އެމެރިކާގެ ސަރުކާރާއި، އިސްރާއީލު ހިމެނޭގޮތަށް އެމެރިކާގެ އެކުވެރިން ކުރާ މުހިންމު ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ނުރައްކާ އެބައޮތެވެ،" އެ އޯޑަރުގައި ބުނެފައިވެއެވެ.
އެމެރިކާ އަކީ އައިސީސީ ގެ މެންބަރެއް ނޫނެވެ. އަދި އެމެރިކާގެ އޮފިޝަލުންނާއި ރައްޔިތުންގެ މައްޗަށް އެ ކޯޓުގެ އެއްވެސް އިހްތިޞާޞެއް ނެތް ކަމަށް އެމެރިކާ އިން ތަކުރާރު ކޮށް ބުނެފައިވެއެވެ.
ވައިޓް ހައުސްއިން އައިސީސީ އަށް ތުހުމަތު ކޮށްފައިވަނީ އިސްރާއީލުގެ އަމިއްލަ ދިފާޢުގެ ޙައްޤަށް ހުރަސް އަޅާފައިވާ ކަމަށާއި، އީރާން އަދި އިސްރާއީލާ ދެކޮޅު ގްރޫޕްތަކުގެ ޢަމަލު ތަކަށް އިހުމާލުވެފައިވާ ކަމަށެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އެމެރިކާގެ ބާރުތަކުން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ކުށްތައް ހިންގާފައިވޭތޯ ތަހުގީގު ކުރަމުން ދިޔަ އައިސީސީ ގެ އޮފިޝަލުންގެ މައްޗަށް ފިޔަވަޅު އަޅާފައިވެއެވެ. އެ ފިޔަވަޅުތައް ވަނީ ރައީސް ޖޯ ބައިޑެންގެ އިދާރާއިން އުވާލާފައެވެ.
ފާއިތުވި މަހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވަނީ އައިސީސީ އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވޯޓުދީފައެވެ. ނަމަވެސް އެ ބިލު ސެނެޓުގައި ފާހެއް ނުވިއެވެ.
އައިސީސީ އުފެދުނީ 2002 ވަނަ އަހަރުގައެވެ. މި ކޯޓުގެ މަޤްޞަދަކީ ތުހުމަތުކުރެވޭ އިންސާނިއްޔަތާ ދެކޮޅު ކުށްތައް ތަހުގީގު ކުރުމެވެ.
120 އަށްވުރެ ގިނަ ގައުމުތަކުން ވަނީ އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގައި ސޮއިކޮށް ތަޞްދީޤުކޮށްފައެވެ. އަދި އިތުރު 34 ޤައުމުން ވަނީ އެ މުޢާހަދާގައި ސޮއިކޮށް، ތަޞްދީޤުކުރުމުގެ މަރުހަލާގައެވެ.
އެމެރިކާ އާއި އިސްރާއީލަކީ ރޯމް ސްޓެޓިއުޓްގެ ބައިވެރިންނެއް ނޫނެވެ.