ގައްޒާއިން މީހުން ހުސްކުރަން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ދެއްކެވި ވާހަކައަށް ރައީސްގެ ސާފު ޖަވާބެއް ނެތި ކުރިން ދެއްކެވި ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.
ފަލަސްތީނުގެ ގައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުން ފަލަސްތީން ރައްޔިތުން ބޭރު ކުރާނެ ކަމުގެ ނުރައްކާތެރި އިންޒާރު ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ. ޓްރަމްޕް މި ޕްލޭން އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިން ވީރާނާވެފައިވާ ގައްޒާ ސަރަޙައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، "ދުނިޔޭގެ މީހުން" އެތަނުގައި ދިރިއުޅޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރަން ބޭނުންފުޅުވާ ކަމަށެވެ. މި ޕްލޭން ހާމަކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ސަރުކާރުން ގައްޒާގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ބުނި ނަމަވެސް ޓްރަމްޕުގެ މި ވާހަކައާއި ގުޅިގެން ރަސްމީ އެއްވެސް ވާހަކައެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ގައްޒާއަށް އަލި އަޅުވާލައްވާ ރައީސް ވަނީ މީގެ ކުރިންވެސް ތަކުރާރުކުރެއްވި ވާހަކަތައް ތަކުރާރުކުރައްވާފައެވެ. ރާއްޖޭގެ ސަރުކާރުތަކުންވެސް ދަމަހައްޓަމުން އައި ސިޔާސާތު ހާމަކުރައްވާ ރައީސް ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށެވެ.
އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ވާނީ ކޯ ސްޕޮންސަރކޮށްފައި ކަމަށެވެ.
މީގެ އިތުރުން ގައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް ކަމަށާއި، ގައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.
ސަރުކާރުން ގައްޒާގެ ރައްޔިތުންނާއި އެކު ތިބިކަމަށާއި، ގައްޒާގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި އިސްރާއިލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާކަމަށް މި ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އިސްރާއިލު މީހުން ރާއްޖެ ނާދެވޭ ގޮތަށް އެގައުމުގެ ޕާސްޕޯޓް މަނާކޮށްފައި ނުވެއެވެ.