އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާގައި ރިޔާސީ ބަޔާން ގައި ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒުވަމުން އަންނަވަރަކަށް ޑޮލަރު ރޭޓަށް ލުއިތައް ލިބެން ފަށާނެ ކަމަށެވެ. އަދި ކްރެޓިޓް ކާޑުގެ ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ކަމަކީ ގާނޫނު ތަންފީޒުވެގެންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންތައްތައް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ގާނޫނުތަންފީޒު ކުރުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުން ފުރިހަމަ އެެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއާއި އެކު ޓޫރިޒަމް އިންޑަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކް ތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެކަން ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމުގެ އިގުތިސާދީ ހާލަތަށް ބާލާއިރު 2024 ވަނަ އަހަރަށް ވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުވިވާނެ ކަމަށާއި އެގޮތުން މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސަތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފައި ކަމަށާއި، 2024ވަނަ އަހަރު ނިމުނުއިރު މި ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި މިއީ 2023 ވަނަ އަހަރު ނިމުންއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސަތައް އިތުރު އަދަދެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.
އުންމީދީ އަންދާޒާއަކީ މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދިއުންރައީސް މުއިއްޒު
އިގުދިސާދީ މި އުފާވެރި ނަތީޖާއާ އެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާރުކޭޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ގާއިމުކުރެވޭނެކަމަށެވެ. އަދި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިންމްޕޯޓުކުރުމުގެ ގޮތުން ބޭންކުތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށެވެ.